ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ މައްސަލަ ނުވަތަ "ވާނުވާ ބަންދު" އަށް ހައްލެއް ގެނައުމަށް ބަންދުކުރާ މީހުންގެ އަދަދު މަދުކުރެވިދާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. މިކަން އޭނާ ފާހަގަކުރެއްވީ އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ބޭއްވި "ބަންދު ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ 435 މީހުންނެވެ. މި މީހުން ބަލަހައްޓަމުން ގެންދަނީ ފުލުހުންގެ ރިމާންޑް ޖަލުތަކާއި ކަރެކްޝަނަލް ސަރވިސްގެ ކަސްޓޯޑިއަލް ޖަލުތަކުގައެވެ. އައްބާސް ޝަރީފް ވިދާޅުވިގޮތުގައި، މިހާރު ބަންދުގައި ތިބި މީހުންގެ އަދަދަށް ބަލާއިރު، މިއީ ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރި މައްސަލައެއްކަން ސާފުކޮށް އެނގެއެވެ.
މި ފޯރަމްގެ މައިގަނޑު މަގްސަދަކީ "ވާނުވާ ބަންދު" ގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އެގޮތުން އެކި އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ހޯދުމަށާއި، ދުރުރާސްތާގެ ނިޒާމީ ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރެވުނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވިގޮތުގައި، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ މުޅިން ހުއްޓައިލެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރެވިދާނެއެވެ. އަދި ބަންދުގައި ހޭދަކުރާ މުއްދަތު ކުރުކޮށް، އެ މުއްދަތުގައި ލިބެންޖެހޭ ހައްގުތަކާއި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރެވިދާނެ ކަމަށާއި، ބަންދުގެ ބަދަލުގައި އެޅިދާނެ އެހެން ފިޔަވަޅުތަކެއް ވެސް ހޯދިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ހޯމް މިނިސްޓަރު އަލީ އިހުސާން، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ހިމެނިވަޑައިގަންނަވައެވެ.