ހއ. ހިރިމަރަދޫ މީހުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި

ހއ. ހިރިމަރަދޫ މީހުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި

އާބާދީގައި 300 އެއްހާ މީހުން ދިރިއުޅޭ ހއ. ހިރިމަރަދޫ މީހުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ. އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް" ގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސް މެދުވެރިކޮށް ހާމަކުރެއްވި ގޮތުގައި، ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތް ގޮތުގެ މަތިން، އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވެއެވެ. މި ނިންމެވުމުގެ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވައެއްގައި ހިރިމަރަދޫ ކައުންސިލުން ވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީއާ ބައްދަލުކޮށް، އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ތުލުސްދުއަށް ބަދަލުވުމަށް ކަމަށް ދަންނަވާފައެވެ.

ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު މީގެ ކުރިން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އެ ރަށުގެ ރައްޔިތުން ބޭނުންވަނީ މާލެ ސަރަހައްދުގެ ރަށަކަށް ހިޖުރަކުރުމަށް ކަމަށާއި، ތުލުސްދޫ ޚިޔާރުކޮށްފައިވަނީ އެ ރަށަށް ހިޖުރަކުރެވޭ ވަރަށް ބިން އޮތުމުންނެވެ. އަދި މިކަން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުން، އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތުލުސްދުއަށް ހިޖުރަކުރެވޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހިރިމަރަދޫގެ އާބާދީއަކީ 589 އެވެ. ނަމަވެސް މި ވަގުތު ރަށުގައި ދިރިއުޅެނީ އެއަށްވުރެ މާ މަދު އަދަދެއްގެ ރައްޔިތުންނެވެ. އެއީ ގިނަ ރައްޔިތުން ވަނީ ރަށުން ބޭރަށް ހިޖުރަކޮށްފައިވާތީއެވެ. އަދި އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހަނިމާދޫގެ އާބާދީއަކީ 2,645 އެވެ.

ސަރުކަރުގެ މި ނިންމުމުގެ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *