ވޭތުވެދިޔަ 5 އަހަރުތެރޭ ފުރަތަމަ ފަހަރަށް އައްޑޫގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި އެއްވަގުތެއްގައި ޕާކްކޮށްފައި ހުރި ޕްރައިވެޓް ޖެޓްގެ އަދަދު 35 އަށް އަރައިފި އެވެ.
މީގެކުރިން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި އެއް ވަގުތެއްގައި ޕާކްކޮށްފައި އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ހުރީ 2015 ވަނަ އަހަރު އެވެ. އެއީ 26 ޕްރައިވެޓް ޖެޓެވެ. ނަމަވެސް މި އަހަރު މި ވަނީ މި ރެކޯޑް މުގުރާލާ އެއްވަގުތެއްގައި 35 ޖެޓް އެ އެއަރޕޯޓްގައި ޕާކް ކޮށްފައެވެ.
ޖީއައިއޭ އިން ލަފާކުރާ ގޮތުގައި އެ އެއަރޕޯޓަށް މިއަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަންނަ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް 100 ޕްރައިވެޓް ޖެޓް އަންނާނެއެވެ. މިއީ ވެސް ރެކޯޑް އަދަދެކެވެ.

މިވަގުތު ޖީއައިއޭގައި ޕާކްކޮށްފައިވާ ގިނަ ޖެޓް ތަކަކީ ވެލާނާ އިންޓަރަނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށްފަހު ހަމައެކަނި ޕާކްކޮށްލަން އެކަނި ޖީއައިއޭއަށް ގޮސްފައިވާ ޖެޓްތައް ކަމަށް އެ އެއަރޕޯޓުން ބުނެއެވެ. އޭގެ މައިގަނޑު ސަބަބަކީ ލަގްޒަރީ ފެންވަރުގެ ހިދުމަތްދޭ ތަންތަން އައްޑޫ ސަރަހައްދުގައި، ކޯވިޑްގެ ބަލިމަޑުކަމަށްފަހު އަދި ހިދުމަތް ފަށާފައި ނުވާތީ ކަމަށްވެސް ޖީއައިއޭއިން ބުނެއެވެ. ނަމަވެސް ޖެޓްތަކުގައި އައްޑޫއަށްދާ ކްރޫ މެމްބަރުން އައްޑޫ އީކުއޭޓަރ ވިލެޖާއި ސައުތު ޕާމް ރިސޯޓުން ހިދުމަތް ހޯދާނެއެވެ.
އައްޑޫގައި މިވަގުތު ޕާކް ކޮށްފައިހުރި ޕްރައިވެޓް ޖެޓްގެތެރޭ ކުދި ޖެޓްތަކުގެ އިތުރުން އޭ 320 މަރުކާގެ ބޮދެތި ޖެޓްވެސް އެބަހުއްޓެވެ. އަދި މިހެން މަޑުކުރާ ޖެޓްތައް ހަތަރު ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތަކަށް އާންމުކޮށް އެއަރޕޯޓްގައި މަޑުކުރާ ކަމަށްވެސް ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ބުނެއެވެ.
ކޮމެންޓު ފޮނުވާ