އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓުގައި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ހަވާލުކޮށްގެން ހިންގި 'ބުލޫސް ހައުސިން މަޝްރޫއޫ' ގައި ބޮޑެތި ހިޔާނާތްތަކެއް ހިންގާފައިވާކަން ހާމަވެއްޖެއެވެ. މި މަޝްރޫއުގެ އެއްބަސްވުންތަކަށް ކޮންޓްރެކްޓަރުންނަށް ފައިދާވާގޮތަށް ބަދަލުތަކެއް ގެނެސްފައިވާކަން ރިޕޯޓުން ފާހަގަކޮށްފައިވެއެވެ.
2013 ވަނަ އަހަރުގެ ޖޫން 23 ގައި ފެށުނު މި މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަކަ ފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދުކޮށްފައިވާއިރު، މިއީ މަޝްރޫއުގެ އަސްލު އަގުގެ ދެގުނައެވެ. ފިނޭންސް މިނިސްޓްރީގެ މަޢުލޫމާތުތަކަށް ބަލާއިރު، އާންމު ގޮތެއްގައި އަމިއްލަ ކުންފުނިތަކުން މިފަދަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކޮށްދެނީ އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
މި ރޭޓަށް ބަލާއިރު މަޝްރޫއުގެ އަސްލު އަގަކީ 745.3 މިލިއަން ރުފިޔާ ނުވަތަ އެންމެ ބޮޑުވެގެން 859.9 މިލިއަން ރުފިޔާއެވެ. އެހެންކަމުން، 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ހަރަދުވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމުން ދައްކުވައިދެނީ މި މަޝްރޫއުގައި ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ޝައްކުކުރެވޭ މިންވަރެވެ.
މަޝްރޫއު ފަހުން ހަވާލުކުރެވުނު އައިލެންޑް އެކްސްޕާޓްގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަންކޮށްފައި ނުވާކަން ވެސް ރިޕޯޓުން ފާހަގަކުރެއެވެ. އައިލެންޑް އެކްސްޕާޓަކީ ނޫމަޑީގެ ސަބް-ކޮންޓެކްޓަރެއް ކަމާއި، އޭގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ މަންދޫބެއްކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި މަޝްރޫއުގެ ދަށުން އެކި ފަރާތްތަކަށް ޖުމުލަ 682.7 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. މީގެ ތެރޭގައި އައިލެންޑް އެކްސްޕާޓަށް 441.9 މިލިއަން ރުފިޔާ، ނޫމަޑިއަށް 96.3 މިލިއަން ރުފިޔާ އަދި އެހެނިހެން ކުންފުނިތަކަށް 144.5 މިލިއަން ރުފިޔާ ހިމެނެއެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ މި މަޝްރޫއުގެ މުއާމަލާތްތަކުގައި ކޮންޓްރެކްޓަރުންނަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ، މިކަމުގައި ޝާމިލުވާ ފަރާތްތައް ހޯދައި، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް މައްސަލަ ހުށަހެޅުމަށެވެ. އަދި މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ޕޮލްކޯއިން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި، ކަމާގުޅޭ މިނިސްޓްރީތަކުން ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ލަފާ ދީފައެވެ.