ވިއްސާރަވެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، އއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފި

ވިއްސާރަވެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، އއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން އއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖް އިންޒާރު ނެރެފިއެވެ. މިއިންޒާރުގެ މުއްދަތަކީ ފަތިހު 4:45 އިން ހެނދުނު 8:45 އަށެވެ.

މި އިންޒާރުގެ މުއްދަތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ފެންބޮޑުވެދާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. މިވަގުތު ވެރިރަށް މާލޭގައިވެސް ވަނީ ބޯކޮށް ވާރޭވެހި، ފެންބޮޑުވެފައެވެ.

އޮރެންޖް އިންޒާރުގެ މުއްދަތުގައި އެއް ގަޑިއިރުތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 120 މިލިމީޓަރުގެ ވާރޭވެހި، ފެންބޮޑުވުން އެކަށީގެންވެއެވެ. އަދި ވައި 34-40 މޭލުގެ ބާރުމިނުގައި ޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި 63 މޭލުގެ ބާރުމިނަށް ވައިގަދަވެދާނެކަމަށް ބެލެވެއެވެ.

މި މޫސުމުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމާއި، ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިވާ މިންވަރަށް ކަނޑުގަދަވެ، އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެކަމަށް ބެލެވެއެވެ. އަދި މަދުވެގެން 10 ރަށަކަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށްވެސް މެޓް އޮފީހުން ވަނީ އަންގަވާފައެވެ.

މިފަދަ ނުރައްކާތެރި މޫސުމެއްގައި ކަނޑު ދަތުރުފަތުރު ނުކުރުމަށާއި، ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް މެޓް އޮފީހުން އިރުޝާދު ދެއްވާފައިވެއެވެ. އަދި ކަމާބެހޭ ފަރާތްތައް ވާނީ ދިމާވެދާނެ ހާދިސާތަކަށް އިޖާބަދިނުމަށް ތައްޔާރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *