މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފި

މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފި

Author
ހުސައިން
09 ޖެނުއަރީ 2025 03:53
0

ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި، މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނާމެދު ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

މަޝްއަރު ޓުއާސްއާ ގުޅޭ ތިން މައްސަލައެއް ތަހުގީގުކުރެވުނު ނަމަވެސް، މިހާތަނަށް ދައުވާކުރުމަށް އެދިފައިވަނީ އެންމެ މައްސަލައެއްގައެވެ. އަނެއް ދެ މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ފުލުހުން ދަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރަމުންނެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، މަޝްއަރު ގުރޫޕުން 53 މީހަކު އުމްރާއަށް ގެންދިޔައީ މީހަކަށް 38,500 ރުފިޔާގެ ރޭޓުން ދެކޮޅު ޓިކެޓަށްވާ ފައިސާ ނަގައިގެންނެވެ. ނަމަވެސް އުމްރާގެ އަޅުކަން ނިންމުމަށްފަހު، އެ މީހުން ރާއްޖެ ގެނައުމަށް އޭސް ޓްރެވެލްސްއަށް ދޫކުރި ޗެކް ބައުންސްވުމާ ގުޅިގެން އެ މީހުން ދިގު މުއްދަތަކަށް މައްކާގައި ތާށިވިއެވެ. މި މައްސަލަ މިދިޔަ އަހަރުގެ އެޕްރީލް މަހު ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.

މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހުއްދަ ކުރިން ބާތިލްކުރެވިފައިވާތީ، މިއަހަރު އެ ފަރާތުން މީހުން އުމްރާއަށް ގެންދިޔައީ "މަޝްއަރު ޓުއާސް" ގެ ނަމުގައި އައު ޓްރެވަލް އެޖެންސީއެއް މެދުވެރިކޮށެވެ. އެހެންނަމަވެސް މި އެޖެންސީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.