މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ހާމަކުރި ގޮތުގައި، އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުން ޢުމްރާވެރިން ހާލުގައި ޖައްސާފައިވާ މައްސަލަ ބެލުމަށްފަހު، އެ ކުންފުންޏާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރަށް ފައިސާ ދެއްކި ނަމަވެސް، އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަން އަލްހިޖްރަ ޓްރެވަލްސްއިން އިޢުތިރާފުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިކަމުގެ ސަބަބުން މައްކާގައި ހާލުގައި ޖެހުނު 23 ޢުމްރާވެރިން 2025 ވަނަ އަހަރުގެ ޖަނަވަރީ 9 ވަނަ ދުވަހު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް ގެނެވުނެވެ.
މި މައްސަލައާ ގުޅިގެން، މިނިސްޓްރީން އަލްހިޖްރަ ޓްރެވަލްސްގެ ޢުމްރާގެ ހުއްދަ ހިފަހައްޓައި، 100,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. އަދި ކުންފުންޏަށާއި އޭގެ ހިއްސާދާރުންނަށް އަލުން ޢުމްރާ ހުއްދަ ނުދިނުމަށް ނިންމައި، ހާލުގައި ޖެހުނު ޢުމްރާވެރިން އަނބުރާ ގެނައުމަށް ހިނގި ޚަރަދު ހޯދުމަށް ނިންމާފައިވެއެވެ.
މީގެއިތުރުން މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ. މި ފިޔަވަޅުތައް ތަންފީޒުކުރުމަށް އިދާރީ އަދި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ލަސްނުކޮށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.