ގާޒާގެ ހަގުރާމަވެރި ޖަމާއަތްތައް އެކުވެެގެން ބާއްވާ ފުރަތަމަ، ގުޅިފައިވާ އަސްކަރީމްތައް ފަށާ، މެޑިޓެރޭނިއަން ކަޑަށް ރޮކެޓްތައް މިއަދު އުދުއްސާލައިފިއެވެ.
މިހާތަނަށް ގާޒާއިން ބާއްވާ މިފަދަ ފުރަތަމަ ތަމްރީނުތައް އިސްރާއީލުގެ މީޑިއާއިން ސިފަކޮށްފައިވަނީ، އެގައުމާ ދެކޮޅަށް، އިރާނުން ތަމްސީލުކުރާ ބާރުދެއްކުމުގެ ތަމްރީންތަކެއްގެ ގޮތުގައެވެ.
ގާޒާގައި ސަރަހައްދީ ވެރިކަމެއް ކުރަމުންދަނީ ހަމާސްއިންނެވެ. އެހެންމަވެސް، ހަމާސްއިން މިސިޓީގައި ސަރައްދީ ވެރިކަމެއް ކުރަމުންދިޔަ ނަމަވެސް، ގަޒާގައި، އިސްލާމިކް ޖިހާދުފަދަ، ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަގުރާމަވެރި އެހެނިހެން މަޖާއަތްތައްވެސް ހަރަކާތްތެރި ވަމުން ދެއެވެ.
މި އަސްކަރީ ތަމްރީންތައް، އެންމެ ފުރަތަމަ އިއުލާން ކޮށްފައިވަނީ، ގާޒާގައި ހަރަކާތްތެރިވާ ހަގުރާމަވެރި ޖަމާއަތްތައް އެކުވެގެން 2018 ވަނަ އަހަރު އުފެއްދި ޖޮއިންޓް ކޮމާންޑުގެ ފަރާތުންނެވެ.
މި ޑްރިލްތައް ފެށުމުގެ ގޮތުން، އިސްލާމިކް ޖިހާދުގެ ތަރުޖަމާން އަބޫ ހަމްޒާ ދެއްކެވި ވާހަކަފުޅަށްފަހު، ގާޒާގެ އުޑުމަތި ސާފުކޮށް އޮތް މިދުވަހުގައި، ގާޒާގެ ޖައްވު ހުރަސްކޮށް، މެޑިޓެރޭނިއަން ކަޑާ ދިމާލަށް 8 ރޮކެޓް ފޮނުވާލާފައި ވެއެވެ. މި އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދާ ހަގުރާމަވެރި ގުރޫޕްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއީލުން އެއްގަމު މަގުން ދީފާނެ ހަމަލާތަކަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން، މިތަންރީންތައް އެއްގަމާ އަދި ކަނޑުގެ އައްސޭރިފަށުގައިވެސް ކުރިޔަށް ދާނެއެވެ.

އިސްރާއީލުގެ މީޑިއާއިން ތުހުމަތު ކުރާގޮތުގައި، މިތަމްރީންތަކަކީ، ގާޒާގެ ހަގުރާމަވެރި ޖަމާއަތްތަކުން، އިރާނުގައި ތިބި އެޖަމާއަތްތަކުގެ ސްޕޮންސަރުންގެ އެދުމުގެމަތިން، ޓްރަމްޕްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި، އެމެރިކާއާއި އިސްރާއީލުން އެގައުމަށް ދީފާނެ ހަމަލައެއްގެ ނުރައްކާ އިސްރާއީލަށް އިހުސާސްކޮށްދިނުމަށްޓަކާ، ރާވައިގެން ހިންގާ ބިރު ދެއްކުމުގެ އަމަލުތަކެކެވެ.
މި އަސްކަރީ ތަމްރީންތައް ފެށިގެން ކުރިޔަށް ދާއިރު، ހަގުރާމަވެރި ޖަމާއަތްތަކުންވަނީ، އެމެރިކާއިން މިއަހަރުގެ ޖެނުއަރީމަހު، އަވަހާރަ ކޮށްލާފައިވާ އިރާނުގެ އަސްކަރީ ކޮމާންޑަރު، ގައްސާމް ސުލައިމާނީގެ ބޮޑު ޕޯސްޓަރެއް، ގާޒާގެ އައްސޭރިފަށުގައި އޮންނަ މައިމަގުގައި ކޮޅަށް ނަގާ ހަރުކޮށްފައެވެ.
ފާއިތުވެދިޔަ ނޮވެމްބަރުމަހުގެ 27 ވަނަ ދުވަހު، ބަޔަކު މީހުން، އިރާނުގެ އެންމެ އިސް ނިއުކުލިއަރ ސައިންޓިސްޓް، މުހުސިން ފަހުރިޒާދޭ އަވަހާރަ ކޮށްލުމާ ގުޅިގެން، އީރާނާ އިސްރާއީލާ ދެމެދުވަނީ މަސްރަހު ވަރަށްބޮޑަށް ހޫނު ވެފައެވެ. އިރާނުން ތުހުމަތު ކޮށްފައިވަނީ، ފަހުރިޒާދޭ އަވަހާރަ ކޮށްލާފައިވަނީ އިސްރާއީލުން ކަމުގައެވެ. އެހެންނަމަވެސް، އިސްރާއީލުން މިތުމަތުތައް ތެދުކޮށްފައެއްވެސް އަދި ދޮގުކޮށްފައެއްވެސް ނުވެއެވެ.
މިތަމްރީންތަކުގައި، އިންގާރަ ދުވަހު ގާޒާއިން މި މިސައިލްތައް އުދުއްސާލުމާއެކު، އިސްރާއީލުގައި އެމަޖެންސީ ސައިރަންގެ އަޑުތައް އިވެންފަށާފައި ނުވެއެވެ. ޑްރޯންގެ އެހީގައި، އިސްރާއީލުން ބަލަހައްޓަމުންދާ މިސަރަހައްދުތަކުން އަތުވެދާނެ މިސައިލް ހަމަލާތަކުން ސަލާމަތްވުމަށް، އިސްރާއީލުންވަނީ މިސައިލްތަކަށް ބިމުން ހަމަލާދޭ އެންމެ ފަހުގެ ސިސްޓަމްތައް އެގައުމުގައި ބަހައްޓާފައެވެ.
24 ގަޑިއިރުގެ މުއްދަތަކަށް ކުރިޔަށް ގެންދެވޭ މި ތަމްރީންތަކުގައި، ހަމާސްގެ ހަގުރާމަވެރިންގެ އިތުރުން، އިސްލާމިކް ޖިހާދުންނާއި، ޕޮޕިއުލާ ރެސިސްޓޭންސް ކޮމިޓީއިންނާ އަދި މީގެ އިތުރުންވެސް، ގާޒާގައި ހަރަކާތްތެރިވާ ކުދިކުދި ހަގުރާމަވެރި ގުރޫޕްތަކުން ބައިވެރި ވެއެވެ.
ކޮމެންޓު ފޮނުވާ