އަލްހިޖްރާ ޓްރެވަލްސް އެންޑް ޓުއާރސް މެދުވެރިކޮށް އުމްރާއަށް ގޮސް ހާލުގައި ޖެހިފައިވާ ދިވެހި އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިރުޝާދުގެ ދަށުން މި މަސައްކަތް ކުރިއަށްދާކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިރޭ އެކްސްގައި ހިއްސާކުރެއްވިއެވެ.
އަލްހިޖްރާ ޓްރެވަލްސް އެންޑް ޓުއާރސްއިން ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޑިސެމްބަރު 2024 ގައި ފެށުނު މި އުމްރާ ދަތުރުގެ އަޅުކަން ނިމިފައިވީ ނަމަވެސް، ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާ ހުރެ 24 އުމްރާވެރިން ރާއްޖެ ގެނައުމަށް ވަނީ ދަތިވެފައެވެ. އަދި އުމްރާވެރިން ގެނައުމަށް މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، އަދިވެސް ވަކި ކުރިމަގެއް ފެންނަން ނެތް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.