ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި، 85 ޕަސެންޓް ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި، 85 ޕަސެންޓް ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި، ރަށުގެ ގިނަ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެރަށު ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވިގޮތުގައި، މިއަދު ހެނދުނު 6 ގަޑިން ފެށިގެން މެންދުރު 2 ގަޑިއާ ހަމައަށް ހުއްޓުމެއްނެތި ވެހުނު ވާރޭގައި، ރަށުގެ މީހުން ދިރިއުޅޭ 278 ގެއިން 85 ޕަސެންޓް ގެއަށް ވަނީ ފެންވަދެފައެވެ. މި ވާރޭގެ ސަބަބުން ގެތަކުގައި ހުރި ފަރުނީޗަރާއި އެހެނިހެން ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ބައެއް ގެތަކުގެ ކަރަންޓުވެސް ވަނީ ކެނޑިފައެވެ.

މިވަގުތު އެންމެ އިސްކަމެއް ދެވެނީ ގޭގެއަށް އެޅިފައިވާ ފެން ހިންދުމުގެ މަސައްކަތަށެވެ. މި މަސައްކަތުގައި ފުލުހުންނާއި، އެމްއެންޑީއެފް، އެމްޓީސީސީ އަދި ރައްޔިތުން ބައިވެރިވަމުންދާކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

މި ވިއްސާރައިގައި އެހެން ރަށްރަށަށްވެސް ވަނީ ގެއްލުން ލިބިފައެވެ. އެންޑީއެމްއޭއިން ބުނާގޮތުގައި ދ. ކުޑަހުވަދޫގެ 10 ގެއަށާއި، ދ. މީދޫގެ 10 އަށްވުރެ ގިނަ ގެއަށް ފެންވަދެ، ކ. ގުރައިދޫގެ 60 ގެއަށް ފެންވަދެ، އަދި އދ. މާމިގިލީގެ ހަތަރު ގެއަށް ގެއްލުންވެފައިވެއެވެ. މާމިގިލީގެ ދެ ގެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މޫސުން ތަހައްމަލްކުރަން ޖެހޭނެކަމަށް މެޓް އިން ލަފާކުރާއިރު، މި ވިއްސާރަ ހަފްތާ ބަންދަށްވެސް ދެމިގެންދާނެކަމަށާއި، މޫސުން ރަނގަޅުވާން ފަށާނީ ހޮނިހިރު ދުވަހަށްފަހުގައި ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *