ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކު ލިސްޓު ދަމަހައްޓައިފި

ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކު ލިސްޓު ދަމަހައްޓައިފި

Author
ހުސެއިން
31 ޑިސެމްބަރ 2024 05:22
0

ސަރުކާރުން ވަނީ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ މިހާރު ޢަމަލުކުރަމުންދާ ލިސްޓު އިތުރަށް ދެމެހެއްޓުމަށް ނިންމައިފައެވެ. ރައީސް އޮފީހުން މިއަދު ޝާއިޢުކުރި ލިސްޓުގައި، ކުރިން ކަނޑައަޅާފައިވާ ލިސްޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މި ނިންމުން މިގޮތަށް ނިންމާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން މިފަދަ ލިސްޓެއް އަހަރަކު އެއްފަހަރު މުރާޖަޢާކުރަން ލާޒިމުކުރާތީއެވެ.

މި ލިސްޓުގައި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ހަމައެކަނި ފާހަގަކޮށްފައިވަނީ ސީރިއާއެވެ. އަދި ޓެރަރިސްޓް ޖަމާޢަތްތަކުގެ ގޮތުގައި 19 ޖަމާޢަތެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި، ސީރިއާގެ ވެރިކަމާ ފަހުން ހަވާލުވެފައިވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ވެސް ހިމެނެއެވެ. މި ޖަމާޢަތުން ސީރިއާގެ ވެރިކަމާ ހަވާލުވެފައިވަނީ 24 އަހަރު ވަންދެން ވެރިކަން ކުރެއްވި ބައްޝާރު އަލް އަސަދު އިސްތިއުފާދެއްވައި ޤައުމު ދޫކުރެއްވުމާ ގުޅިގެންނެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، މި ލިސްޓުގައި ހިމެނޭ އެއްވެސް ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި، އެފަދަ ޖަމާޢަތްތަކަށް އެހީތެރިވެދިނުމަކީ ބޮޑެތި އަދަބު ކަނޑައެޅިފައިވާ ކުށްތަކެކެވެ. އަދި ހަމައެއާއެކު، ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސީރިއާއަށް ދަތުރުކުރުމަކީވެސް ޤާނޫނީ ގޮތުން މަނާކުރެވިފައިވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.