މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އެ ކުންފުނީގެ އޮންލައިން ޚިދުމަތްތައް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމަށް އައު ޕޯޓަލެއް މިއަދު ތަޢާރަފްކޮށްފިއެވެ.
މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް އީ-ފާސް ނިޒާމުގެ ދަށުން ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި، ހުށަހަޅާ އެޕްލިކޭޝަންތަކުގެ މަރުހަލާތައް ފަސޭހަކަމާއެކު ބެލޭނެއެވެ. އަދި އެޕްލިކޭޝަންތަކުގެ މަރުހަލާތަކަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެއެވެ.
މި އައު ޕޯޓަލްގައި ކަސްޓަމަރުންނަށް އެމީހުންގެ ހުރިހާ އެކައުންޓެއްގެ މަޢުލޫމާތު އެއްތަނަކުން ބެލޭނެ ގޮތް ހަމަޖެހިފައިވާއިރު، އެއް އެކައުންޓެއް މެދުވެރިކޮށް އެކި ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. އަދި ސްމާޓް މީޓަރު ހަރުކުރެވިފައިވާ ގޭބިސީތަކުގެ ކަސްޓަމަރުންނަށް އެމީހުންގެ ފެން ބޭނުންކުރާ މިންވަރާއި، މީޓަރު ރީޑިންގް އަދި މުއްދަތު ހަމަވެފައިވާ ބިލްތަކުގެ މަޢުލޫމާތު ފަސޭހައިން ބެލޭނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އޮންލައިން ޚިދުމަތް ތަޢާރަފްކޮށްދެއްވީ އެ ކުންފުނީގެ ޗެއަރޕާސަން އަލްފާޟިލާ ޝަމްހޫޒާ އަޙްމަދު އާއި މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޝްރަފް ނުޢުމާން އާއި ޙަސަން ޚަލީލުގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމުން ބައިވެރިވެވަޑައިގަތެވެ.