ހައުސިންގ ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ ހިޔާނާތް އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް އިދިކޮޅުގެ ބައިވެރިވުމާއެކު ރިޔާސީ ކޮމިޝަނެއް އެކުލަވާލަން ޖެހޭކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މެންބަރު މީކާއިލް ވިދާޅުވެފައިވަނީ، އެޗްޑީސީގެ ހިޔާނާތުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވަނީ ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ، އެ އިދާރާގެ އިސްނެގުމުގެ މަތިން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހިނގާ މިފަދަ މައްސަލަތައް ތަހުގީގީ އިދާރާތަކަށް ހުށަހެޅުން މަދުވެފައިވަނީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މެންބަރު މީކާއިލް އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުން ދިވެހި ސަރުކާރަށާއި، ދައުލަތަށާއި އަދި ތަހުގީގީ އިދާރާތަކަށް އިތުބާރު ނުކުރާ މިންވަރު ދައްކުވައިދެނީ ސޯޝަލް މީޑިއާގެ އެނޮނިމަސް އެކައުންޓަކަށް ސަރުކާރަށްވުރެ ބޮޑަށް އިތުބާރުކުރާ މިންވަރުން ކަމަށެވެ. އަދި މިއީ ގައުމެއްގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށާއި، މި ހާލަތު ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.
އެޗްޑީސީގެ ހިޔާނާތުގެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރި ނަމަވެސް، އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދިއުމަށް އިދިކޮޅު ފަރާތްތަކުގެ ބައިވެރިވުމާއެކު ރިޔާސީ ކޮމިޝަނެއް އެކުލަވާލަން ޖެހޭކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ މިކަން ކުރާނެ ކަމަށާއި، ނަމަވެސް މިފަދަ ކަމެއް މިހާރުގެ ސަރުކާރުން ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އެޗްޑީސީގެ ހިޔާނާތް ނޭނގޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، އެ ކޯޕްރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް، އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު މަގާމުން ދުރުކުރީ ކީއްވެގެންތޯ މެންބަރު މީކާއިލް ސުވާލު އުފައްދަވާފައިވެއެވެ. އަދި ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މީހާ މަގާމުގައި ހުންނެވިއިރު، ހިޔާނާތުގެ މައްސަލަތައް ސަމާލުކަމަށް ގެންނެވި ބޭފުޅާ މަގާމުން ދުރަށް ޖެހިވަޑައިގަންނަވަން ޖެހުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް މެންބަރު މީކާއިލް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ