ކޮރަޕްޝަން އަމަލެއް ހުއްޓުވަން ފަހަތަށް ނުޖެހޭނަން: ރައީސް މުއިއްޒު

ކޮރަޕްޝަން އަމަލެއް ހުއްޓުވަން ފަހަތަށް ނުޖެހޭނަން: ރައީސް މުއިއްޒު

އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަން ނޫނީ ގަވައިދާ ހިލާފަށް ހިންގާކަން އެނގިވަޑައިގެންފި ނަމަ، ފިޔަވަޅު އަޅުއްވާފައި ވާނެ ކަމަށާއި ކޮރަޕްޝަންގެ އަމަލެއް ހުއްޓުވަން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

"ބިންވެރިޔާ" ސްކީމާ ގުޅޭ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެން ފުލުހުންނާއި އެންޓި ކްރޮޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގު ކުރަމުންދާ ދަނޑިވަޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ވައްކަންކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގަން ނޫން ކަމަށެވެ. މިއަދާ ހަމައަށް އައިއިރު އެކި މީހުން، އެކި ތަންތަނުގައި ކޮށްފައި ހުރި ކަންކަމުގެ މައުލޫމާތު ލިބުނީމަ އެކަމުގެ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތަކަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވައިދުން ހިންގާ ކަންކަމުން ދުރުވެފައި އޮތް ސަރުކާރެއް ގޮތުގައި ހިނގަން. އެއީ އަޅުގަނޑު ވައުދުވި ގޮތަކީ ވެސް." ރައީސް ވިދާޅުވިއެވެ.

"މިހާރު މި ހިނގައިގެން އުޅޭ ކަންކަމުގައި ވެސް އަޅުގަނޑަށް އެނގުނު ހިސާބުން އަޅުގަނޑު ވާނީ ޕޮލިހަށް ދަންނަވާފައި. އެބޭފުޅުންގެ ގާނޫނީ ޒިންމާ އެ ބޭފުޅުން އެ އަދާކުރައްވަނީ،"

ރައީސް ވިދާޅުވީ މި ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމަށާއި މަގާމުތަކުގައި ތިއްބަސް ގާނޫނާއި ގަވައިދާ ހިލާފަށް ކަންކަން ކުރާކަން އެނގޭ ހިސާބުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"ސަރުކާރުގެ އެއްވެސް ތަނެއްގައި އަޅުގަނޑު ބޭނުމެއް ނޫން ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިންގާކަށް. އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން. ގަވައިދާ ހިލާފަށް ކަމެއް ކުރާކަށްވެސް ނޫން." ރައީސް ވިދާޅުވިއެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވި، ދައުލަތުގެ އިދާރާތަކުން އެ މައްސަލަތައް ތަޙުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފަޒުލް އިސްތިއުފާ ދެއްވުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވަނީ އައްޔަން ކުރައްވައިފައެވެ.

މައުރޫފަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން އެ ރަށް ތަރައްޤީ ކުރުމުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އިސްކޮށް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓު އުފެއްދި އިރު އޭނާ އަދާކުރެއްވީ އެތަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމެވެ. އަދި އޭގެ ފަހުން އެޗްޑީސީ އުފެދުމާއެކު އެ ކުންފުނީގެ ސީއީއޯގެ މަޤާމުވެސް އަދާކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *