ހިޔާނާތުގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ އަހުމަދު މޫސާ (އައްމަޓީ) އަށް 14 ދުވަހުގެ މުއްދަތަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފިއެވެ. މި ހުއްދަ ދިނީ މީހަކު ޖާމިނުވުމާއި ކޯޓުން ކަނޑައެޅި ޝަރުތުތަކަކާ އެކުގައެވެ. އަދި މިކަމަށް ދައުލަތުން އިއުތިރާޒެއް ނުކުރާކަން ވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ.
އައްމަޓީގެ މައްޗަށް އުފުލިފައިވާ ހިޔާނާތުގެ ދައުވާތަކަކީ ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީ އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެކެވެ. މި މައްސަލައިގައި ފްލެޓްތައް ނާޅައި މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. ފްލެޓްތަކަށް ފައިސާ ދެއްކި ފަރާތްތަކަށް ފްލެޓާއި ފައިސާ ވެސް ނުލިބި އޮއްވައި އައްމަޓީ ހައްޔަރުކުރެވުނީ ލަންކާއިންނެވެ. އޭނާ އެ ޤައުމުގައި އުޅުނީ ފިލައިގެން ކަމަށް ވެސް ތުހުމަތުކުރެވެއެވެ.
މި މައްސަލަތަކާ ގުޅިގެން އައްމަޓީގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. ނަމަވެސް، ކަފާލާތުގެ ދަށުން މީހަކު ޖާމިނުކޮށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އޭނާ އަމިއްލައަށް އެދުމުން، އިމިގްރޭޝަނުން ފުރުމުގެ އިންތިޒާމު ހަމަޖައްސައިދޭ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފައިވެއެވެ. މި މުއްދަތު ހަމަވުމުގެ ކުރިން އޭނާ އެނބުރި ރާއްޖެ އަންނަންޖެހޭނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިން ވެސް އޮޕަރޭޝަނެއް ކުރުމަށްޓަކައި އައްމަޓީގެ ޕާސްޕޯޓް ދޫކުރުމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން އަމުރުކުރި ނަމަވެސް، ސުޕްރީމް ކޯޓުން އެ ނިންމުން ބާތިލުކޮށްފައިވާ ކަމެވެ.