ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފްރާންސް އައިލާއަށް ކުރީގެ ދެ ބަންޑާރަ ނައިބުން ގާނޫނީ އެހީ ފޯރުކޮށް ދެނީ

ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފްރާންސް އައިލާއަށް ކުރީގެ ދެ ބަންޑާރަ ނައިބުން ގާނޫނީ އެހީ ފޯރުކޮށް ދެނީ

ދެ ކުރީގެ ބަންޑާރަނައިބުން ކަމަށްވާ ދިޔާނާ ސައީދާއި އައިޝަތު އާޒިމާ ޝަކޫރު ވަނީ ވިސާއެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފްރާންސްގެ މުސްލިމު އާއިލާއަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. މި އާއިލާއިން ފްރާންސްގައި އުޅެން ދަތިވާ ކަމަށް ބުނެފައިވެއެވެ.

މި އާއިލާ ރާއްޖެއަށް އައީ 12 އަހަރު ކުރިން ޓޫރިސްޓު ވިސާއެއްގައެވެ. އޭގެފަހުން ވިސާ އައުނުކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުން އައިސް، މިހާރު އިތުރު ދެ ދަރިން ލިބިފައިވެއެވެ. މި ވަގުތު އެ އާއިލާ ދިރިއުޅެމުން ދަނީ ތ. ވޭމަންޑޫގައެވެ.

ދިޔާނާ އާއި އާޒިމާ ވަނީ ސޯޝަލް މީޑިއާގައި މި އާއިލާއާ ގުޅޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރައްވާފައެވެ. އާޒިމާ ފޭސްބުކްގައި ވިދާޅުވެފައިވާ ގޮތުން މިހާރު އެ އާއިލާއާ ގުޅޭނެ ގޮތް ވެއްޖެއެވެ.

"ދައުރު" އާ ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ މި އާއިލާގެ ދެ ކުދިންނަކީ ރާއްޖެއަށް އުފަން، ރާއްޖޭގައި ބޮޑުވެ، ރާއްޖޭގެ ސަގާފަތް ދަންނަ ދެ ކުދިން ކަމަށްވާތީ، މިއީ އޭނާ އާއި އާޒިމާގެ ޝައުގުވެރިކަން ހުރި މައްސަލައެއް ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އާއިލާއާ ގުޅި، ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވެފައިވަނީ އާއިލާ ފުރުވާލުމުގެ ކުރިން އެ ފަރާތްތަކުން ފާހަގަކުރާ ގާނޫނީ ނުކުތާތަކަށް ސަރުކާރުން ރިއާޔަތްކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި ވަގުތަށް އެ މީހުން ފުރުވާލުން މަޑުޖައްސާލައި، ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަށް ވަކާލާތުކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުގައި އިލްތިމާސްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އިމިގްރޭޝަނުން ބުނެފައިވަނީ ފްރާންސްގެ އާއިލާއިން ވެސް އެދެނީ ރަށްވެހިކަން ނުދެވޭނަމަ އެ މީހުން ފުރުވާލުމަށް ކަމަށެވެ. އަދި ފުރައިގެން ދާންވީ ގައުމެއް ވެސް ރާއްޖެއިން ނާންގާނެ ކަމަށް ބުނެފައިވެއެވެ. އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ގަވާއިދާ ޚިލާފަށް އުޅުނު އާއިލާއަކަށްވާތީ، ރަށްވެހިކަމަށް އެދުނު ނަމަވެސް އެ އާއިލާއަށް ރަށްވެހިކަން ނުދެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *