ރީފޯމް ކޮމިޝަނަރުގެ މަގާމަށް އަސްމާ ޝަފީއު ހަމަޖައްސައިފި

ރީފޯމް ކޮމިޝަނަރުގެ މަގާމަށް އަސްމާ ޝަފީއު ހަމަޖައްސައިފި

Author
ހުސައިން
17 ޑިސެމްބަރ 2024 05:49
0

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަމުންދާ އިސްލާހީ ފިޔަވަޅުތަކުގެ މަސައްކަތަށް ޚާއްސަކޮށްފައިވާ ކޮމިޝަނަރުގެ މަޤާމަށް މީރާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަސްމާ ޝަފީއު ވަނީ ހަމަޖައްސައިފިއެވެ.

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އެކިއެކި ދާއިރާތައް ރިފޯމްކުރުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި މާލީ ވުޒާރާއިން ގާއިމުކޮށްފައިވާ އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރ އޮފް ރިފޯމްގެ މަޤާމަށް އަސްމާ ވަނީ އައްޔަންކުރެވިފައެވެ. އަސްމާ ވަނީ މީގެ ކުރިން މީރާގެ ޑިރެކްޓަރ ޖެނެރަލް، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ މަޤާމާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ފުރުއްވާފައެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނުގައި ވާގޮތުން، މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިޤްތިޞާދީ އިޞްލާޙުތައް ގެނައުމާއި ދައުލަތުގެ ކުންފުނިތައް އިޞްލާޙުކުރުން ހިމެނޭގޮތަށް ޤައުމީ އިޞްލާޙީ އެޖެންޑާއެއް އެކުލަވާލައި ތަންފީޒުކުރުން ހިމެނެއެވެ. މީގެ އިތުރުން، އިޤްތިޞާދު ސިންދަފާތުކޮށް، ވާދަވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެނައުމުގެ ހަރަކާތްތައް ރާވައި ތަންފީޒުކުރުމާއި، އިޞްލާޙީ ފިޔަވަޅުތަކާ ގުޅުންހުރި ސިޔާސަތުތަކާ ބެހޭގޮތުން ފިނޭންސް މިނިސްޓަރާއި މުސްތަޝާރަށް ލަފާދިނުން ހިމެނެއެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ސަރުކާރުން ވަނީ ގިނަ ދާއިރާތަކެއް ރިފޯމްކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި ސަބްސިޑީ މުރާޖަޢާކުރުމާއި، އާސަންދަ ރިފޯމްކުރުމުގެ އިތުރުން އެއް މަސައްކަތެއް ކުރާ މުއައްސަސާތައް އެއްކުރުމުގެ މަސައްކަތް ހިމެނެއެވެ. ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ ނިޒާމު، އާސަންދައާއި ބައެއް ސަބްސިޑީތައް މުރާޖަޢާކުރުމުގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ގިނަ އިޞްލާޙީ ފިޔަވަޅުތަކާއެކު އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ޖުމުލަ 11.5 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.