މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާން ކުރި ހުކުމެއް ބާތިލްކޮށް މައްސަލަ އަލުން ބަލަން ހުކުމް ކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާން ކުރި ހުކުމެއް ބާތިލްކޮށް މައްސަލަ އަލުން ބަލަން ހުކުމް ކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދަށު ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނިކޮށް، އެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފިއެވެ. ދަށު ކޯޓުގައި ޝަރީއަތް ހިންގިއިރު ކޮންމެހެން ހާޒިރުކުރަންޖެހޭ ހެއްކެއް ހާޒިރުނުކުރަން ނިންމާފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން އަމުރުކޮށްފައިވެއެވެ.

ގއ. ވިލިނގިލީ، ތިންމާ، އަހުމަދު ޝާފިއުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކުށް ސާބިތުވެގެންނެވެ. ސްރީ ލަންކާއިން ރާއްޖެ އައުމަށްފަހު، މާލެ ފޭބި ވަގުތު ޝައްކުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ޖަލުގައި ހުއްޓައި، ދެ ދުވަހުގެ މަތިން އޭނާގެ ކިބައިން 76 ގްރާމްގެ ޑައިމޯފިން ފެނިފައިވެއެވެ.

ޝާފިއު ދައުވާއަށް އިންކާރުކޮށް، އެ ތަކެއްޗަކީ އޭނާގެ ތަކެތި ނޫން ކަމަށާއި، މަޖުބޫރީ ހާލަތެއްގައި އެ ތަކެއްޗާ ހަވާލުވީ ކަމަށް ބުނެފައިވެއެވެ. އަދި ފުލުހުން އެ ތަކެތި ހޯދީ އޭނާއަށް ބިރުދައްކައި، ނުފޫޒު ފޯރުވައިގެން ކަމަށް ކޯޓުގައި ބުނެފައިވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އުމުރު ދުވަހުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ.

އިއްޔެ ހައި ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތް ކަށަވަރުކުރެވޭނީ އެ ތަހުލީލުކުރި ފަރާތް ޝަރީއަތަށް ހާޒިރުކޮށްގެން ކަމަށެވެ. ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައިވެސް މިގޮތަށް ކަނޑައަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން، ޝާފިއުގެ ފަރާތުން މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައި ނުވިނަމަވެސް، ތަހުލީލުކުރި ފުލުހުންގެ އޮފިސަރު ހެކިވެރިއެއްގެ ގޮތުގައި ހާޒިރުނުކުރަން ޝަރީއަތުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން، މަސްތުވާތަކެތި ތަހުލީލުކުރި ފުލުސް މީހާ ހާޒިރުކޮށް، ރިޕޯޓު ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވުމަށް، މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *