ކުރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ރިޒްނާ

ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަލުން އިއުލާނު ކޮށްފި

ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަލުން އިއުލާނު ކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަލުން އިއުލާނު ކޮށްފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މައުލޫމާތު ދީފައިވެއެވެ.

މި މަގާމަށް މީހަކު ހޯދުމަށް މިދިޔަ ސެޕްޓެމްބަރު މަހުވެސް އިއުލާނު ކުރެވުނެވެ. ނަމަވެސް އެ އިއުލާނަށް އިޖާބަދިން ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހުވެސް އެއްވެސް ފަރާތެއް މަގާމަށް ނުހޮވައި، އަލުން އިއުލާނު ކުރަން ޖެހުނެވެ. ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރެވޭ މި މަގާމުގެ މުސާރައަކީ 47،500 ރުފިޔާއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާތަކުން 10 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ކުރިން މި މަގާމުގައި ހުންނެވި އައިޝަތު ރިޒްނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ އޭނާއާ ގުޅުންހުރި މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމާ ގުޅިގެންނެވެ. މި މައްސަލަތަކުގެ ތެރޭގައި ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅޭ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތައް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، ޑީޖޭއޭ އިން ވަނީ މި މައްސަލަތަކުގެ އިތުރު ތަފްސީލެއް ހާމަނުކޮށް ހިފަހައްޓާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *