މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެލުނު ޑޮލަރު މާރުކުރުން ލާޒިމްކުރާ ގާނޫނު އޮތީ ގަވައިދުވެސް އޮތް ގޮތަށް، އުސޫލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވަނީ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރު މާރުކުރަން ޖެހޭ ގަވާއިދު ގާނޫނަކަށް ހެދުމުގައި އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ދިނަސް، އާމްދަނީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މާލެ އަތޮޅު ހުރާއަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ މުޚާތަބުކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ، ޑޮލަރު މާރުކުރާ ގަވާއިދު ގާނޫނަކަށް ހެދުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ އެއްވެސް ބަދަލެއް ނުގެނެސްކަމަށެވެ. މި ކަމަކީ މުޅި ގައުމަށް ފައިދާވާނެ ކަމެއްކަމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ވިޔަފާރިއާއި އެހެނިހެން ގޮތްގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އޭގައި އޮންނާނީ އަޅުގަނޑު ކުރިން ދެންނެވި ގޮތަށް ގަވާއިދުގައި އޮތް ގޮތަށް ރިސޯޓުތަކުން 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް. އަދި، އަޅުގަނޑު ދެންނެވިން އެއީ ގާތްގަނޑަކަށް 20 އިންސައްތައޭ އާމްދަނީގެ ޖުމުލަ ރެވެނިއުގެ އެ މަހަކަށްޖެހޭ ރެވެނިއުގެ 20 ޕަސެންޓޭ ގާތްގަނޑަކަށް.
ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަކީ ރިސޯޓަކަށް ވަންނަ ޖުމުލަ އާމްދަނީގެ ގާތްގަނޑަކަށް 20 އިންސައްތަ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށްފަހު ހިމެނުއްވި ކަމެއްކަމަށް ފާހަގަކުރައްވާފައިވެއެވެ.
އެއީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް، ރައްޔިތުންނަށް އެ ކަންކަމުގެ ތެރެއިން ވިޔަފާރިއާއި އެހެން ކަންކަމުގައި ވަރަށް ގިނަ ފައިދާތައް ވާނެ ކަމެއް.
ބިލަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.
މިއަދު މަޖިލީހަށް ހުށަހެޅުނު ބިލުގައި ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަން ވަނީ ދެ ގިންތިއަކަށް ބަހާލާފައެވެ. "ކެޓެގަރީ-އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހެއެވެ.
"ކެޓެގަރީ-ބީ" ގައި ހިމެނެނީ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ މަހެއްގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހެއެވެ.
ރައީސް ވިދާޅުވެފައިވަނީ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން، މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މި ބިލު ފާސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި ބިލު ފާސްވުމާއެކު އެ ދުވަހުން ފެށިގެން އެކަން ތަންފީޒުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.