އިސްތިއުނާފު މަރުހަލާގައިވެސް ކަފާލާތުގެ ފުރުސަތު ލިބޭ ބިލް ފާސްކޮށްފި

އިސްތިއުނާފު މަރުހަލާގައިވެސް ކަފާލާތުގެ ފުރުސަތު ލިބޭ ބިލް ފާސްކޮށްފި

ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށްވެސް އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭނެކަމަށް ބަޔާންކޮށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި ބިލެކެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުން މި ބިލް ވަނީ ފާސްކުރައްވާފައެވެ.

ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ވަކި އަދަދެއްގެ ފައިސާ ކޯޓުގައި ބެހެއްޓުމަށްފަހު ބަންދުން ދޫކުރެވޭ އުސޫލެކެވެ. މިހާރު އޮތް ގާނޫނުގެ ދަށުން ކަފާލާތު ދެވެނީ ހަމައެކަނި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށެވެ. ނަމަވެސް މި އިސްލާހާއެކު، މީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އިސްތިއުނާފްކޮށްފިނަމަ، އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެފަރާތެއް ބަންދުން ދޫކުރެވިދާނެއެވެ.

އެހެންނަމަވެސް، މި އިސްލާހުގެ ދަށުން މީހުން މެރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުން ފަދަ ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނަކަށް ކަފާލާތެއް ނުދެވޭނެއެވެ. އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭނީ އެކަށީގެންވާ އަސާސެއް އޮވެ، ކޯޓުން ކަނޑައަޅާ ޝަރުތުތަކަށް އަމަލުކުރާނެކަމަށް އެއްބަސްވެ، އަދި އިތުރަށް ބަންދުކޮށްގެން ހާސިލްވާނެ މަސްލަހަތެއް ނެތްކަން ސާބިތުކޮށްދިނުމުންނެވެ.

ދަށު ކޯޓުތަކުގައި ކުށް ސާބިތުވާ މީހުންނަށްވެސް އަދަބު ކަނޑައެޅުމުގެ ކުރިން ކަފާލާތުގެ އުސޫލުން ދޫކުރެވޭނެއެވެ. ނަމަވެސް މިގޮތަށް ދޫކުރެވޭނީ އެކަމަކީ އިންސާފު ގާއިމްކުރުމަށް މުހިންމު ކަމެއްކަން ސާބިތުކޮށްދިނުމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދަނިކޮށް ކަފާލާތު ދެވުނީ 2018 ވަނަ އަހަރުއެވެ. އޭރު ޖަލުގައި ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ހައިކޯޓުން ކަފާލާތު ދީފައިވެއެވެ. ނަމަވެސް އޭގެފަހުން ހައިކޯޓުން ނިންމާފައިވަނީ އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭނެ އުސޫލެއް ރާއްޖޭގެ ގާނޫނުގައި ނެތުމުން އެގޮތަށް ކަފާލާތު ނުދެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *