ރާއްޖެ އިޝްތިހާރުކުރުމަށް، ޔޫރަޕްގެ ނަން މަޝްހޫރު ފުޓްބޯޅަ ކްލަބުތަކާއެކު މަޝްވަރާތަކެއް ފަށައިފި

ރާއްޖެ އިޝްތިހާރުކުރުމަށް، ޔޫރަޕްގެ ނަން މަޝްހޫރު ފުޓްބޯޅަ ކްލަބުތަކާއެކު މަޝްވަރާތަކެއް ފަށައިފި

ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ޔޫރަޕްގެ ނަން މަޝްހޫރު ފުޓްބޯޅަ ކްލަބުތަކާއެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި، ލަންޑަނުގައި ބޭއްވުނު ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި އިޓަލީގެ ޔުވެންޓަސްއާއި، އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓްހެމް ޔުނައިޓެޑް އަދި އެސްޓަންވިލާގެ އިސްވެރިންނާ ބައްދަލުކޮށް، ދިވެހިރާއްޖެ މާކެޓްކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

މި މަޝްވަރާތަކާ ގުޅިގެން، ޔުވެންޓަސްއާއި ވެސްޓްހެމުން ވަނީ ރާއްޖެއަށް ޚާއްސަ ޕްރޮޕޯސަލްތަކެއް ހުށަހަޅާފައެވެ. މިގޮތުން މިހާރު މަސައްކަތް ކުރެވެމުންދަނީ އެ ކްލަބުތަކުގެ ސްޓޭޑިއަމްތަކުގެ ޑިޖިޓަލް ސްކްރީންތަކުގައި "ވިޒިޓް މޯލްޑިވްސް" އިޝްތިހާރުކުރެވޭނެ ގޮތްތަކެއް ހޯދުމަށެވެ. އަދި މި ސްޓޭޑިއަމްތަކުގައި ރާއްޖޭގެ ރިސޯޓުތައް އިޝްތިހާރުކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

ޔުވެންޓަސްގެ މާކެޓިން ޓީމާއެކު ކުރެވުނު މަޝްވަރާތަކުގައި، "ވިޒިޓް މޯލްޑިވްސް" އިޝްތިހާރުތަކުގެ އިތުރުން، ވަކިވަކި ރިސޯޓުތަކުގެ އިޝްތިހާރުތައްވެސް ދެއްކުމުގެ ފުރުސަތު އޮތްކަން އެ ކްލަބުން ފާހަގަކޮށްފައިވާކަން މިނިސްޓަރު ފައިސަލް ހާމަކުރެއްވިއެވެ.

މީގެއިތުރުން، އެ ކްލަބުތަކުގެ ނަން މަޝްހޫރު ކުޅުންތެރިން ރާއްޖެ ޒިޔާރަތްކޮށް، ރިސޯޓުތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރުމާ ގުޅޭ މަޝްވަރާތަކެއްވެސް ކުރެވެމުންދެއެވެ. ހަމައެއާއެކު، ފުޓްބޯޅައިގެ އިތުރުން ގޮލްފް ކޯހެއް ހިމެނޭ ރިސޯޓެއް ރާއްޖޭގައި ތަރައްޤީކުރުމާ ގުޅޭގޮތުންވެސް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒެއްކަން ފާހަގަކުރައްވައި، އަންނަ ފަސް އަހަރު ނިމޭއިރު މަދުވެގެން 3.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ އުންމީދުކުރާ ކަމެއްކަމުގައިވެސް މިނިސްޓަރު ފައިސަލް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *