ފެނަކަ ކުންފުނި މިވަގުތު ވެއްޓިފައިވަނީ ހަމައެކަނި ޚަރަދުތައް މަދުކޮށްގެން އަރައިގަނެވޭނެ ވަރަށްވުރެ މާ ނާޒުކު ހާލަތަކަށް ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ނަމަވެސް ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ އެއްވެސް ހާލެއްގައި ހުއްޓާލެވޭނެ ޚިދުމަތްތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
މުޢާޒު ހާމަކުރެއްވި ގޮތުގައި އޭނާ ކުންފުންޏާ ހަވާލުވެލެއްވިއިރު، 4.3 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށާއި، މި ދަރަނިތައް އަދާކުރުމަށް ކޮންމެ މަހަކު 30 މިލިއަން ރުފިޔާ ދައްކަންޖެހިފައިވެއެވެ. އަދި ނިމިދިޔަ ސަރުކާރުން ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން، ކުންފުނީގެ އާމްދަނީގެ 38 އިންސައްތަ މުސާރައަށް ހޭދަކުރަންޖެހުނު ނަމަވެސް، މިހާރު އެ އަދަދު 35 އިންސައްތައަށް ދަށްކުރެވިފައިވެއެވެ. މި މައްސަލަ ހައްލުކޮށް، އެ އަދަދު 28 އިންސައްތައަށް މަދުކުރުމަށް ކުންފުނީގެ ސްޓްރަކްޗަރ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތެޔޮ ގަތުން ފަދަ އަސާސީ ޚަރަދުތަކުގެ އިތުރުން، ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ގޮތުން އެތައް ފަރާތަކަށް ޖުމްލަ 10.5 މިލިއަން ރުފިޔާ ކޮންމެ މަހަކު ދައްކަންޖެހިފައިވާކަން މުޢާޒު ފާހަގަކުރެއްވިއެވެ. ގިނަ މަސްމަހު މި މަގުން ކުރިއަށް ގެންދެވުނު ނަމަވެސް، މިކަމުގައިވެސް ދަތިތަކެއް ކުރިމަތިވަމުންދާކަން އޭނާ ހާމަކުރެއްވިއެވެ.
އޭގެއިތުރުން، ނިމިދިޔަ ސަރުކާރުން ފެނަކައިގެ މެންޑޭޓުން ބޭރުން ކޮށްފައިވާ ގިނަ ޚަރަދުތަކުން ލިބުނު ގެއްލުން ފޫބެއްދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، އެފަދަ ހުރިހާ މަސައްކަތްތަކެއް މާކެޓް ރޭޓުން ކުރުމަށް ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާ ހަވާލުކުރަމުންދާކަން މުޢާޒު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން މިހާރުވެސް ބޭކާރު އެތައް ޚަރަދެއް ނުކޮށް ސަލާމަތްވެފައިވާ ކަމަށާއި، ނަމަވެސް ހަމައެކަނި ކުންފުނީގެ ޚަރަދު ކުޑަކޮށްގެން ފަރުޖެހޭނެ ކަމަކަށް އޭނާ ނުދެކެވަޑައިގަންނަވައެވެ.
ކުންފުނި ވެއްޓިފައިވާ މާލީ ވަޅުގަނޑުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް ކާމިޔާބުވުމަށް މަހަކު މަދުވެގެން 45 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށާއި، މިހާރު ކުރެވެމުންދާ މަސައްކަތްތަކާއެކު 2027 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ދަރަނިތައް އަދާކޮށް ނިންމާލެވޭނެ ކަމަށް މުޢާޒު އުންމީދުކުރައްވައެވެ.