ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ކުރި ތަޖުރިބާ ދަތުރާ ގުޅޭ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަށް އެ ކައުންސިލުން ހަރުކަށި އިބާރާތުން ރައްދު ދީފިއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި ދަތުރާ ގުޅޭ ރިޕޯޓު އާންމުކޮށްފައިވަނީ ދަތުރުގެ މައުލޫމާތަށް ރިއާޔަތް ނުކޮށް ކަމަށް ބުނެ އަތޮޅު ކައުންސިލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އޮޑިޓަރ ޖެނެރަލް މިދިޔަ އަންގާރަ ދުވަހު އާންމުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ދަތުރުގައި އަތޮޅު ކައުންސިލްގެ 13 މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލް އަދި ސީނިއަރ މެނޭޖްމަންޓްގެ 6 މުވައްޒަފުން ހިމެނޭ ގޮތަށް ޖުމުލަ 20 މުވައްޒަފުން ވަނީ 10 ދުވަހުގެ ދަތުރެއް ކޮށްފައެވެ. މި ދަތުރުގެ ހަރަދުގެ ގޮތުގައި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ދަތުރަށް ހަރަދުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ "ބަޖެޓު ތަންފީޒުކުރުމާ ގުޅޭ އިރުޝާދު" އާ ހިލާފަށެވެ. އެހެންކަމުން މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އަމަލެއް ކަމަށް ބަޔާންކޮށް، މިކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ.
މި ދަތުރަށް ޖުމުލަ 952،885 ރުފިޔާ (ނުވަ ލައްކަ ފަންސާސް ދެހާސް އަށްސަތޭކަ އަށްޑިހަ ފަސް ރުފިޔާ) ހަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި ތައިލެންޑް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ފީ އާއި ކެއުމުގެ ހަރަދު، ބައިވެރިންގެ ދަތުރު ހަރަދު، އެތެރޭގެ އަދި ބޭރުގެ ވައިގެ ދަތުރުފަތުރުގެ ހަރަދު އަދި ޕޮކެޓް މަނީ ހިމެނެއެވެ.
އެހެންނަމަވެސް، ހދ. އަތޮޅު ކައުންސިލުން ބުނެފައިވަނީ މި ދަތުރަކީ ކައުންސިލްގެ މަސައްކަތާ ގުޅުންހުރި ގިނަ ދާއިރާތަކެއްގެ ކަންކަން ފުޅާކޮށް ތަރައްގީ ކުރުމަށް ކުރި ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި ބައިވެރިވި ހދ. އަތޮޅުގެ 12 ރަށެއްގެ ރަށު ކައުންސިލްގެ ރައީސުންގެ ބަހެއް ނެތި، މި ދަތުރަކީ މަންފާއެއް ނެތް ދަތުރެއް ކަމަށް ސިފަކުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށް ކައުންސިލުން ދެކޭ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، އިގްތިސާދީ މަންފާގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ލިބުނު މަންފާއަށް އޮޑިޓް ރިޕޯޓުގައި ރިއާޔަތް ނުކުރާކަން ފާހަގަކޮށް، މިއީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ކައުންސިލުން ދެކޭކަމަށް ބުނެފައިވެއެވެ.
އަދި މި މައްސަލައިގެ އިތުރުން، ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާގެ ސާމާނު އިއުލާން ކުރުމަކާ ނުލައި ގަތް މައްސަލައެއް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ކައުންސިލްގެ ބަޔާނުގައި އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެއެވެ.