ޗައިނާގެ ސަފީރު ވަންގ ލިޒިން ދިވެހިރާއްޖޭގައި އަދާކުރެއްވި ސަފީރުކަމުގެ ދައުރު ނިންމަވާލައްވައި، އަސަރުގަދަ ވަދާއީ މެސެޖެއް އެކްސް މެދުވެރިކޮށް ހިއްސާކުރައްވައިފިއެވެ. އެކަމަނާ ވިދާޅުވެފައިވަނީ ރާއްޖެފަދަ ރީތި، އެކުވެރި ޤައުމެއްގައި ޚިދުމަތްކުރުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއްކަމުގައެވެ.
ތިން އަހަރާއި ތިން މަސްދުވަހުގެ މުއްދަތުގައި ޗައިނާ-ރާއްޖެ ގުޅުން އިތުރަށް ހަރުދަނާވެ، މުހިންމު ތަރައްޤީތަކެއް ހާސިލުވެފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް 2022 ވަނަ އަހަރަކީ ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުނު އަހަރުކަމަށްވެފައި، މި މުއްދަތުގައި ދެ ޤައުމަކީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ހަމަހަމަކަމާއެކު އެއްބާރުލުން ދިން ދެ ޤައުމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސަފީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަހަރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަށް 10 އަހަރު ފުރޭ އަހަރެވެ. މި ދަތުރުފުޅާ ގުޅިގެން ސިނަމާލެ ބްރިޖް އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް އައިސްފައިވާ ކުރިއެރުންތައް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަހަރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ދިވެހިރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަށް 10 އަހަރު ފުރޭ އަހަރެވެ. މި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން، ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައިވެއެވެ. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދެ ޤައުމުގެ ގުޅުން އިތުރަށް ތަރައްޤީވުމަށް ވަރުގަދަ ބިންގަލެއް އެޅިފައިވެއެވެ.
ސަފީރު ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ގުޅުން އައު އުސްމިނަކަށް ގޮސްފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އޭގެތެރޭގައި ވިލިމާލޭގައި 100 އެނދުގެ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލެއް އެޅުމާއި، މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.
ސަފީރު ވަންގ ލިޒިން ވަނީ އެކަމަނާގެ ދައުރުގައި ލިބިވަޑައިގަތް އެއްބާރުލުމަށްޓަކައި ރައީސް މުޢިއްޒަށާއި، ދިވެހި ސަރުކާރަށް އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު ރަޙުމަތްތެރިކަމާއި ގާތްކަން އަބަދުގެ އަބަދަށް ހަނދާނުގައި ބާއްވަވާނެކަމަށް ވިދާޅުވެފައިވެއެވެ.
އަޅުގަނޑު މި އަގުހުރި ރަޙްމަތްތެރިކަމުގެ އަގު އަބަދުގެ އަބަދަށް ޒަންކުރާނަމެވެ. ދުނިޔޭގައި ލައްވަވާފައިވާ މި މުތީގެ ކުރިތައް، ދިވެހިންގެ ޙިކުމަތްތެރިކަމާއި ކެރުންތެރިކަމާއެކު އިތުރަށް އަލިގަދަވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.
ސަފީރުގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.