2025 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ޚަރަދު ކުޑަކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، ބަޖެޓުގެ އިސްލާހީ ފިޔަވަޅުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ޒަމީރު ވިދާޅުވިގޮތުގައި ބަޖެޓަކީ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ އަންދާޒާއެކެވެ. އައު ކަންކަން ފަށައިގަންނައިރު ބައެއް އިސްލާހުތައް ގެންނަންޖެހޭނެ ކަމަށް ފާހަގަކުރައްވައި، އަސްލު ޕްލޭނަށް ކުދި ބަދަލުތަކެއް ގެނެވުނު ނަމަވެސް، ބަޖެޓުގެ މައިގަނޑު އަމާޒުތައް ހާސިލުކުރެވޭނެ ގޮތަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން އަޅުގަނޑުމެންކުރި އޮރިޖިނަލް ޕްލޭނަށް ކުޑަ ޓުވިސްޓެއް ގެނެސްގެންނަމަވެސް، ޖެނެރަލީ އަޅުގަނޑުމެން މިގެންގުޅޭ އުސޫލަކީ، އަޅުގަނޑުމެން ކަނޑައެޅި ލަނޑުދަނޑިތައް ނުވަތަ ގޯލްސްތައް ޙާސިލުކުރެވޭނެގޮތަށް ދިޔުން. އޭގެތެރޭގައި ތިދެންނެވިހެން ކުރިން އަޅުގަނޑުމެން ފޯކާސްޓްކުރާގޮތް ނޫން އެހެން ގޮތަކަށް ގޮސްދާނެ. އެހެންނަމަވެސް ޖެނެރަލީ ބަޖެޓު ހުށައެޅިއިރު ޙާސިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ޙާސިލުވާނެ.
މާލީ ވަޒީރު ވިދާޅުވިއެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުން ޚަރަދު ކުޑަކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީތަކާއި ޕެންޝަން މުރާޖަޢާކުރުން ހިމެނެއެވެ. އެހެންނަމަވެސް، އަލަށް ރިޓަޔަރވާ މުވައްޒަފުންނަށް ދައުލަތުން ޕެންޝަން ދިނުން ހުއްޓާލުމަށް ނިންމި ނިންމުން ވަނީ، ޢާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އަނބުރާ ގެންދަވާފައެވެ.
ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހާލަތަށް ރިޢާޔަތްކޮށް، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދަނީ ޚަރަދު ކުޑަކުރުމަށް އިރުޝާދު ދެމުންނެވެ. މި ގޮތުން ސަރުކާރުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ތަޢުރީފުކުރައްވާފައެވެ.