ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މަނީ ލޯންޑަރިންގ ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، އޭޖެންސީގެ ސީއީއޯ ހީނާ ވަލީދު މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
މި މައްސަލަ ފެށިގެން އައީ އެންސްޕާއިން އަލަށް ފަށާފައިވާ އެމްއެމް ޓީވީގެ ވެރި ކުންފުނި، މޯލްޑިވްސް މީޑިއާ ހައުސްގެ އިމާރާތުގެ ފްލޯތަކެއް ދިގު މުއްދަތަކަށް ކުއްޔަށް ހިފުމާ ގުޅިގެންނެވެ. ނަމަވެސް މިކަމާ ގުޅިގެން އުފެދުނު ފާޑުކިޔުންތަކާ ގުޅިގެން އެންސްޕާއިން ވަނީ މި އެއްބަސްވުން އުވާލަން ނިންމާފައެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެންސްޕާއިން ކުރިން މޫކައި ސުއިޓްސްގައި ހިންގަމުން އައީ ކުޑަ އޮފީހެއް ކަމަށާއި، ބުރިތަކެއް ހިމެނޭ އިމާރާތެއް ކުއްޔަށް ހިފަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެއްބަސްވުން އުވާލި ނަމަވެސް، މިއީ ކޮށްފައިވާ ހިޔާނާތް ފޮހެވިގެންދާނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ މިއީ މަނީ ލޯންޑަރިންގގެ ޢަމަލެއް ކަމަށާއި، މޯލްޑިވްސް މީޑިއާ ހައުސްގެ ވެރިފަރާތް ކަމަށްވާ މުއިއްޒު އަދާހަމައަށް މި ކުންފުންޏަކީ އޭނާގެ ނޫންކަން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ. އަދި މި މައްސަލާގައި ހީނާ ވަލީދުގެ މައްޗަށް މަނީ ލޯންޑަރިންގގެ ދަޢުވާ އުފުލަންޖެހޭ ކަމަށާއި، މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން މަގާމުތަކުން އިސްތިއުފާދިނުމަކީ އެންމެ ނަޒާހަތްތެރި ގޮތް ކަމުގައި ވިދާޅުވިއެވެ. ބަޔާން ނެރުމަކުން މި ގޯސްކޮށް ކޮށްފައިވާ ކަންތައްތައް ރަނގަޅެއް ނުވާނެ ކަމަށާއި މިއީ ވަރަށް ބޮޑު މަނީ ލޯންޑަރިންގގެ މައްސަލައެއް ކަމަށްވެސް ޔާމީން ވިދާޅުވެފައިވެއެވެ.