ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެ މީހެއްގެ ހުކުމުގެ ބާކީ އޮތް މުއްދަތުން އުނިވާނެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި، މާފު ދޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލިހުގެ ޖަލްސާގައި އެކަމާ ގުޅޭ ކަރުދާސް ހުށަހެޅީ ހޯމްލޭންޑް މިނިސްޓްރީންނެވެ.
ރައީސް ޑރ. މުއިއްޒު ނިންމެވީ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ބައެއްގެ ގޮތުގައި ޖަލުގެ އެތެރޭގައާއި އަދި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ޕްރޮގްރާމްތައް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކުރާ ފަރާތްތަކަށް، އެކަމާ ގުޅުވައިގެން ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ޙުކުމަށް ލުއި ދިނުމާއި، ޙުކުމް މައާފުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތަށް، ރީހެބިލިޓޭޝަން ފްރޭމްވަރކަށް އަމަލުކުރަން ފެށުމަށާއި، ޖަލުތަކުގައާއި، ޖަލުން ބޭރުގައި ގައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމް ބަދަލުކުރުމަށާއި، ރީހެބިލިޓޭޝަން ފްރޭމްވަރކާއި، މަޢާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި އަދި ޙުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުމަށާއި، ކޮމިއުނިޓީ ސަރވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަރުދާހުގައިވާ ގޮތުގެ މަތިން އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.
މިގޮތުން މި ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ހަވާލުކުރެވި، އެކަންކަން ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލްކުރުމަށް ޓައިމްލައިނެއް އެކުލަވާލައި، އެކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމަށްވެސް ހަމަޖައްސަވާފައިވެއެވެ.