ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަންނަ ޗައިނާ ފަތުރުވެރިން މޫދުގެ އެކި ހަރަކާތްތަކުގައި އުޅޭއިރު އަދި ޗުއްޓީ ހޭދަ ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭ ގޮތުން ފުލުހުން މައުލޫމާތު ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ޓުއަރިސްޓް ފުލުހުން އިސް ނަގައިގެން އެ ހަރަކާތް ކުރިއަށް ގެންދަނީ ޗައިނާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އަދި ޗައިނާ އެމްބަސީ ގުޅިގެން ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ޗައިނާގެ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމާއެކު އެފަތުރުވެރިންނާ ބައްދަލުކޮށް، މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގައި އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން، އެ ހަރަކާތުގެ ތެރެއިން ޗައިނާ ބަހުން ތައްޔާރު ކޮށްފައިވާ ލީފްލެޓެއް ފަތުރުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު ފަތުރުވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފަތުރުވެރިން ރާއްޖޭގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމުގެ އިތުރުން ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލު ކުރަންވީ ގޮތުގެ މައުލޫމާތާއި ކުއްލި ހާލަތްތަކުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ވެސް އެ ލީފްލެޓުގައި ހިމެނެއެވެ.