ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ސޮއިކުރި އެއްބަސްވުމާއެކު، އިންވެސްޓްމަންޓުތައް އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ކަރަންޓު އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓުތައް ދެ ގައުމުގެ ފައިސާ އިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކުރެވި، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ގުޅުންތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ.
އަދި އެމްއެމްއޭ އާއި އާރުބީއައި އާ ދެމެދު ސޮއިކުރި އެއްބަސްވުމަށް މަރުހަބާ ކިޔާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އޮކްޓޯބަރު މަހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އިގްތިސާދީ ގުޅުން އިތުރަށް ފުޅާ ކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެއްވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ދަތުރުފުޅަށް ފަހު، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ދެ ގައުމުގެ ދެމެދު އެއްބަސްވުން ސޮއިކުރެވިގެން ދިއުން ރަމްޒުކޮށް ދެނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މި ނިޒާމުގެ ސަބަބުން ދެ ގައުމުގެ ފައިސާ އިން މުއާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާ އިން އިމްޕޯޓް ކުރުމަށް ފަސޭހަވެ ދެ ގައުމުގެ ދެމެދުގައި ކުރެވޭ އިންވެސްޓްމަންޓުތައް އިތުރުވެގެން ދާނެ ކަމަށެވެ. އަދި ކުރިމަގުގައި ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާގެ ފަތުރުވެރިންނަށާއި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިޔަފާރި ކުރުމާއި ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.
މި މަސައްކަތަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމާއި މުހިންމު ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ވިޝަނަރީ ސިޔާސަތުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ވިޔަފާރި މުއާމަލާތްތައް ކުރެވެއެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ވަރުގަދަކޮށް ވިޔަފާރި އާއި އިންވެސްޓްމަންޓު އިތުރު ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.