ރާއްޖޭގެ ސަރަހައްދަށް އުނިކަމެއް އަންނަ ކަމެއް ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ކަނޑައަޅަނީ

ރާއްޖޭގެ ސަރަހައްދަށް އުނިކަމެއް އަންނަ ކަމެއް ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ކަނޑައަޅަނީ

Author
އަހުމަދު
20 ނޮވެމްބަރ 2024 03:54
0

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ގާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި ރާއްޖޭގެ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތިން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ޖައްވާއި ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ސަރަހައްދީ ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި ކަނޑާއި ގުޅިފައިވާ ޖައްވު ކަމަށެވެ.

ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

މި މާއްދ އަށް އަކުރެއް އިތުރު ކުރަން ށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ރާއްޖޭގެ އެތެރޭގެ ކަނޑާއި ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި އެ ކަނޑާއި ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށެވެ.

މި އިސްލާހު މަޖިލިހަށް މިހާރު ވަނީ ބަލައިގެންފައެވެ.

އިސްލާހު ދިރާސާ ކުރަން މުޅި މަޖިލިހުގެ ކޮމިޓީ އަށް ފޮނުވުމުން ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެ އިސްލާހުގައި ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ ފަދަ ކަމެއް މަޖިލީހަށް ފާސްކުރެވޭނީ ހަތަރުބައިކުޅަ ތިންބައި އަޣުލަބިއްޔަތުން ކަމަށް ކަނޑައަޅަން ހުށަހެޅުއްވިއެވެ. ޝުޖާއު ވަނީ ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ އެއްވެސް ނިންމުމެއް މަޖިލީހަށް ވެސް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅަން އިސްލާހު ހުށަހަޅުއްވައިފައެވެ. މި ދެ އިސްލާހު ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.