އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވަޒީފާއިން ވަކިކުރި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ. މި މައްސަލަ ހައިކޯޓުން ބަލައިގަތީ މިދިޔަ އަންގާރަ ދުވަހުއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ޖެނިފާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލުން މިދިޔަ މަހުގެ 13 ގައި ނިންމައިފައިވެއެވެ. ޓްރައިބިއުނަލުން ނިންމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށެވެ.
ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ ޖެނިފާ އަލުން ވަޒީފާއަށް އަނބުރާ ރުޖޫއަކޮށް، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ނިމުނު ތާރީހާ ހަމައަށް މުސާރައާއި އިނާޔަތްތައް ދިނުމަށެވެ. މަހަކު 56،171 ރުފިޔާގެ މުސާރައާއި އިނާޔަތްތައް ލިބޭ މަގާމަކަށްވެފައި، ވޭތުވެދިޔަ 10 މަސްދުވަހަށް 561،710 ރުފިޔާ އައިލެންޑް އޭވިއޭޝަނުން ޖެނިފާއަށް ދޭންޖެހެއެވެ.
މީގެ އިތުރުން، ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެއް މަހުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން އަމުރުކޮށްފައިވެއެވެ. އަދި މި ފައިސާ ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައިފައިވެއެވެ.
ކޮމެންޓު ފޮނުވާ