މީޑިއާ ބިލާ ރައީސް ދެކޮޅު، ވިދާޅުވީ ބޭރު ކުރާނެ ކަމަށް!

މީޑިއާ ބިލާ ރައީސް ދެކޮޅު، ވިދާޅުވީ ބޭރު ކުރާނެ ކަމަށް!

މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ އަމިއްލަ މެމްބަރަކު ހުށަހެޅުއްވި މީޑިއާ ކޮމިޝަންގެ ބިލާ ދެކޮޅު ކަމަށާއި އެ ބިލް މަޖިލިހުން ބޭރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ބިލަކީ އެމަނިިކުފާނު ގަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން ކަމަށާއި މީޑިއާތައް ކޮންޓްރޯލް ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން،" ރައީސް ވިދާޅުވިއެވެ.

މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރާނީ މީޑިއާތައް ބާރުވެރިކުރުވަން ކަމަށާއި އެގޮތުން މީޑިއާތަކަށް ފައިސާ ދޭން ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލޭގައި ހުރި އެސްޓީއޯގެ ހޮޓާ ނިންމައި އެ ތަނުން ޖާގައެއް މީޑިއާތަކަށް ހާއްސަ ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ތުޅާދޫ ދާއިރާގެ އަބްދުލްހަންނާނު އަބޫބަކުރު ހުށަޅުއްވި ބިލްގައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލުމަށް ފަހު، މީޑިއާ ކޮމިޝަންގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށެވެ. ބިލުގައިވާ ގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާ ކުރެވޭނެއެވެ. ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެއެވެ.

ރޭގެ ރަސްމިއްޔާތަށް ފަހު، ރައީސް ސަޕޯޓަރުންނާ ސަލާން ކުރައްވަނިކޮށް އެ ސަރަހައްދަށް ދިޔަ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ބިލް ބޭރު ކުރައްވާނެ ކަމަށެވެ. އެ ބިލް ބަލައި ނުގަންނާނެތޯ ނޫސްވެރިޔާ ސުވާލުކުރުމުން ރައީސް ވިދާޅުވީ "ޔޭސް، އޮފްކޯޒް" ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *