ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ސިޔާސީ މީހުން ވަކި ކުރާނަން: ރައީސް

ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ސިޔާސީ މީހުން ވަކި ކުރާނަން: ރައީސް

ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ސިޔާސީ މީހަކު، އެނގިވަޑައިގެންފި ނަމަ އެ މީހަކު ވަގުތުން މަގާމުން ވަކިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ނޮވެމްބަރު 17، 2023 ގެ 5:03 އިން ފެށިގެން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ނިމިފައިވާ ކަމަށެވެ. ރައީސް އެ އިޝާރާތް ކުރެއްވީ ވެރިކަމުގެ ހުވާ ކުރެއްވި ވަގުތަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ މަގާމަކަށް އައްޔަން ކޮށްފައިވާ އެއްވެސް މީހަކު، އެ މަނިކުފާނަށް އެނގިވަޑައިގެން ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ނަމަ، އެކަން އަންގަން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ތިއިން އެއްވެސް ބޭފުޅަކު، ރާއްޖޭގެ ރައްޔިތުން ގާތު އެދޭ ވާހަކައެއް މި ދަންނަވަނީ، އެއްވެސް ރައްޔިތަކަށް އަޅުގަނޑު އައްޔަންކޮށްފައި ހުރި މީހެއް ޝަރުއީ ދާއިރާ އަށް ނުފޫޒެއް ފޯރުވާކަމަށް ފެނިވަޑައިގަންނަވާ ނަމަ އަޅުގަނޑަށް އެކަން އަންގާލަދެއްވާ. އެ މީހަކު ވަގުތުން ވަކިކުރާނަން. ކޮންމެ މީހެއް ވިއަސް ވަކިކުރާނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑު ބޭނުމެއް ނޫން ޝަރުއީ ދާއިރާގެ ކަމެއްގައި ނުފޫޒު ފޯރުވާކަށް. އެކަން ނިމިއްޖެ މި ގައުމުގައި."

ރައީސް ވިދާޅުވީ މި ސަރުކާރަށް މިވީ އެއް އަހަރުތެރޭ ސިޔާސީ އެއްވެސް ފަރާތަކަށް އަދަބެއް ދީފައި ނުވާނެ ކަމަށާއި ބޭނުން ވަނީ ގައުމަށް ހަމަޖެހުން ގެނެސް ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނަން ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ބަދަލުހިފާ ހިތުން ސޯޝަލް މީޑިއާ ފަދަ ތަންތަނުގައި ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ކަމަށާއި އެމަނިކުފާނު ވެރިކަމަށް ގެންނަން ރައްޔިތުން ނިންމީ އެ ބޭފުޅުންނަށް ބަދަލުހިފަން ފުރުސަތު ނުދޭން ވެގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ބަދަލުހިފުމެއް ދެން ނެތް މި ގައުމުގައި. ބަދަލުހިފަން ބޭނުންވާ ބޭފުޅުން އެ ވިސްނުން ދޫކޮށްލައްވާ،" ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *