އިސްރާއީލުން ހިޒްބުﷲ ޖަމާއަތުގެ ތަރުޖަމާން ޝަހީދު ކޮށްލައިފި

އިސްރާއީލުން ހިޒްބުﷲ ޖަމާއަތުގެ ތަރުޖަމާން ޝަހީދު ކޮށްލައިފި

Author
ހުސައިން
17 ނޮވެމްބަރ 2024 07:23
0

ލެބަނަންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުއްލާގެ ސްޕޯކްސްޕާސަން، މުހައްމަދު އަފީފް، އާދީއްތަ ދުވަހު ބެއިރޫޓުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލެބަނަންގެ ސެކިއުރިޓީ ވަސީލަތްތަކުން ރޮއިޓަރސްއަށް ބުނެފައިވަނީ، ލެބަނަންގެ ވެރިރަށް ބެއިރޫޓުގެ މެދުތެރެއަށް ދިން ހަމަލާގައި އޭނާ ޝަހީދުވެފައިވާ ކަމުގައެވެ. ހިޒްބުއްލާގެ މީޑިއާ އޮފީހުން ތައުޒިޔާ ބަލައިގަންނަމުންދާތީ، އަފީފް މަރުވެފައިވާ ކަމަށް ބެލެވުނުނަމަވެސް، ބައިނަލްއަގުވާމީ ގިނަ މީޑިއާތަކުން އަދި މި ހަބަރު ކަށަވަރުކޮށްފައެއް ނުވެއެވެ.

މި ހަމަލާއަކީ 2006 ގައި އިސްރާއީލާއި ހިޒްބުއްލާއާ ދެމެދު ހިނގި 34 ދުވަހުގެ ހަނގުރާމައިން ފެށިގެން، ބެއިރޫޓުގެ ސިޓީ ސަރަހައްދުގައި އިސްރާއީލުން ދިން ހަތަރުވަނަ ހަމަލާއެވެ.

އާދީއްތަ ދުވަހު ދިން ހަމަލާ އަމާޒުވީ ރަސް އަލް-ނެބާ ކިޔާ ސަރަހައްދަށް ކަމަށްވާއިރު، މި ހަމަލާ ދީފައިވަނީ އެއްވެސް އިންޒާރެއް ނުދީ، ދުވާލުގެ ވަގުތެއްގައެވެ. މި ހަމަލާއާ ގުޅޭގޮތުން އިސްރާއީލު ޑިފެންސް ފޯސް (އައިޑީއެފް) އިން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

އަފީފަކީ އެތައް އަހަރެއް ވަންދެން ހިޒްބުއްލާގެ މީޑިއާ ރިލޭޝަންސް ބެލެހެއްޓި ފަރާތެވެ. ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހިޒްބުއްލާގެ ލީޑަރު ހަސަން ނަސްރުއްލާ އަވަހާރަވުމަށްފަހު، އަފީފަކީ އެ ޕާޓީގެ އާންމު މޫނުމަތިކަމުގައި ވެފައިވެއެވެ. އޮކްޓޯބަރު 1 ގައި އިސްރާއީލުން އާ ހަމަލާތަކެއް ފެށުމާ ގުޅިގެން ހަމަލާތަކުގެ އަމާޒަކަށްވެފައިވާ ބެއިރޫޓުގެ ދެކުނު ފަރާތު ސަރަހައްދުގެ ވީރާނާވެފައިވާ ގެތަކުގެ ތެރޭގައި އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވާހަކަދައްކާފައެވެ.

އިސްރާއީލުން އަފީފް އަމާޒުކޮށް ހަމަލާ ދީފައިވަނީ، ހިޒްބުއްލާއާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓުވުމަށް ކުރިޔަށްދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ހަމަ އެއާއެކު ލެބަނަންގައި އިސްރާއީލުން ހިންގާ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައިވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.