މީޑިޔާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި އުފައްދާ މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބިލާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއީލް ނަސީމު ހުށަހެޅުއްވި ކުއްލި މައްސަލަ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ބުނެ ބޭރު ކޮށްލައިފިއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ހަންނާނު ހުށަހެޅުއްވި މި ބިލުގައި، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިޔާ ކޮމިޝަނަށް ހަތަރު މެންބަރުން ހަމަޖައްސަވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާކަމަށް ބަޔާންކޮށްފައިވުމާއެކު، ކޮމިޝަނުގެ ކޮންޓްރޯލް ސަރުކާރުގެ އަތްމައްޗަށް ދާނެކަމުގެ ކަންބޮޑުވުން މީކާއީލް ވަނީ ފާޅުކުރައްވާފައެވެ. މީގެއިތުރުން، ވަކިވަކި ނޫސްވެރިންނާއި މީޑިޔާ އައުޓްލެޓްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ މާއްދާތަކެއްވެސް މި ބިލުގައި ހިމެނިފައިވެއެވެ.
މީކާއީލްގެ ކަންބޮޑުވުންތަކުގެ ތެރޭގައި، މި ބިލަކީ ނޫސްވެރިކަމާއި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މިނިވަންކަމަށް އުނިކަން ލިބޭނެ ގޮތަށް ފަރުމާކުރެވިފައިވާ ބިލެއްކަން ފާހަގަކުރައްވައި، މިއީ މަޖިލީހުގެ އަޣުލަބިއްޔަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ނިގުޅައިގަތުމަށް ހިންގޭ ޖަރީމާއެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުގެ އެކި މަޢުލޫމާތުތައް ހޯދަން ނޫސްވެރިން އެދުމުން އެ މަޢުލޫމާތު ނުދިނުމަކީ މިހާރުވެސް ސަރުކާރުގެ ސިޔާސަތުކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކާއި މިނިވަންކަން ކަމަކަށްފަހު ކަމަކަށް އަމާޒުކޮށްގެން ހަނިކުރުމަށްކަމަށް ވިދާޅުވެފައިވެއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މީޑިޔާ ކޮންޓްރޯލުކުރެއްވުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ހަމައެއް ނޫންކަމަށެވެ. އަދި އިސްލާމްދީނާއި ޤާނޫނުއަސާސީއާ ޚިލާފުނުވާހާ ހިނދަކު، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުން ކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެކަމަށް ވިދާޅުވެފައިވެއެވެ.