މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން: ރައީސް

މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން: ރައީސް

ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އުވާލުމަށްފަހު މީޑިއާ ކޮމިޝަނެއް އުފެއްދުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ވަނީ މިއަދު މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފައެވެ. މިއީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫނެވެ. އެ ބިލް އޮތީ ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކޮށް އަދި އެ ތަންތަނުގެ ލައިސެންސް ހިފެހެއްޓުމުގެ ބާރު މީޑިއާ ކޮމިޝަނަށް ލިބޭ ގޮތަށެވެ.

މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށް ބުނެ ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ހަމައެއް ނޫން ކަމަށެވެ.

މާތް ވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީ ހިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބިލްގައިވާ ގޮތުން ސުލޫކީ މިންގަނޑާ ހިލާފު ވެއްޖެނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާކޮށް، އަދި ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލިބިދެއެވެ.

އެމްޑީޕީން ބުނީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ސަރުކާރުގެ ވިސްނުން ހުރި ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ހާމަކުރައްވާފައި ވަނިކޮށް، މި ބިލް އަމިއްލަ މެމްބަރެއް ލައްވައި މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށެވެ.

"މިއީ މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ވައްދާފައިވާ ބިލެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *