ހދ. ވައިކަރަމުރައިދޫ

އެތައްދުވަހެއްގެ ކަންބޮޑުވުމަށްފަހު ވައިކަރަމުރައިދޫއިން "ތަންކޮޅެއް" ފަތުރުވެރިކަމަށް

އެތައްދުވަހެއްގެ ކަންބޮޑުވުމަށްފަހު ވައިކަރަމުރައިދޫއިން "ތަންކޮޅެއް" ފަތުރުވެރިކަމަށް

ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅުން 3 ރަށަކާއި 15 ހެކްޓަރުގެ ބިމެއް، ފަތުރުވެރިކަށް ތަރައްޤީކުރުމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްޤީ ކުރުމަށް ހުޅުވާލާފައިވަނީ، ހއ. އަލިދުއްފަރުފިނޮޅު، ށ. ކުޑަޅައިމެންދޫ ނ. ކުންނަމަލެއިގެ އިތުރުން ހދ އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވައިކުރަމުރައިދޫން 15 ހެކްޓަރުގެ ބިމެކެވެ.

ހދ. ވައިކަރަމުރައިދޫ އަކީ ރީތި ބޮޑު ފަޅަކާއި ދޮންވެލި ގޮޑުދޮށާއެކު އެއަތޮޅުގައި އޮންނަ އެންމެ ރީތި އެއް ރަށެވެ. ނަމަވެސް މި ވީހާދުވަހު އެރަށް އޮތީ ހަމައެކަނި ދަނޑުވެރިކަމަށް ދޫކޮށްފައެވެ. އެފަދަ ރީތިރަށެއްގެ ބޭނުން އެންމެ އެކަށޭނަގޮތަށް ނުކުރެވި ހަމައެކަނި ދަނޑުވެރިކަމަށް ދޫކޮށްފައި އޮތުމުގެ ކަންބޮޑުވުން އެސަރަހައްދުގެ ރަށްތަށުގެ ރައްޔިތުން ފާޅުކުރަމުންގެންދާތާ އަހަރުތަކެއް ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި 4 ތަނަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ 14 ވަނަ ދުވަހު ވަރޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ މާޗު މަހުގެ ހަތް ވަނަ ދުވަހު 10:00 ޖަހާއިރަށް އެ މިނިސްޓްރީއަށް ގޮސް ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ މައުލޫމާތު 13 ޖެނުއަރީގެ 14:00 ކުރިން މިނިސްޓްރީއަށް އެންގުމަށް މިނިސްޓްރީން އެދެއެވެ.

މި 4 ތަނަށް ޝައުގުވެރިވާ ފަރާތްތަކަށް، ބީލަން ފޮތް މި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރު މާޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީން ގަންނަން ލިބޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އަލަށް 4 ތަނެއް ފަތުރުވެރިކަމަށް ތަރައްޤީކުރަން ހުޅުވާލާފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ މިއަދުވަނީ ފަތުރުވެރިކަމަށް ހާއްސަކޮށް ދޫކުރާތަންތަން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނަގޮތަށް ފާސްކޮށްފައިވާ އިސްލާހުވެސް ތަޞްދީޤުކުރައްވާފައެވެ. މި އިސްލާހުގެ ދަށުން ރާއްޖޭގައި ފަތުރުވެރިކަމަށް އެކަނި ހާއްސަކޮށް ދޫކުރާ ބިންތަކާއި ރަށްތަކާއި ފަޅުތަށް ކަނޑައެޅޭނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *