ރާއްޖެ އާއި ތުރުކީ އާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓްއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް، ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް، ރަޖަބު ތައްޔިބު އުރުދުއާންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމަށްޓަކައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ރައީސް މުއިއްޒު ތުރުކީއަށް ވަޑައިގެންނެވިއިރު ދެ ރައީސުންގެ ބައްދަލުވުމުގައި ދެ ގައުމުގެ އިގްތިސޯދީ ގުޅުން ވަރުގަދަ ކުރެއްވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ވިޔަފާރި، އިންވެސްޓްމަން، އިއާދަކުރުނިވި ހަކަތަ އަދި މަތީ ތައުލީމުގެ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދިނުން ހިމެނެއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއިތަށް ހޯދައިދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމާއި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ރާއްޖެ އިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި ދިވެހި ރައްޔިތުންނާއި ވިޔަފާރުތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ކުރިއަށް އޮތްތަނުގައި ވިޔަފާރި އަދި އިގްތިސާދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި، އާ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ