ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެކު އެއްވަރުވުމުން އަމިއްލަ ބާރުގައި ލީގު ހޯދަން ކުރާ މަަސައްކަތް ގާތްގަނޑަކަށް މިދިޔައީ ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
މޯހަން ބުނީ ނަތީޖާ ނުނެރެވޭ އެންމެ ބޮޑު ސަބަބަކީ މެޗަކަށް ފަހު މެޗެއް ކުޅުން ދަށަށް ދިއުން ކަމަށެވެ. އޭނާ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ޔޫތު ކުޅުންތެރިންތަކެއް ތިބި ނަމަވެސް އެ ކުޅުންތެރިން ލައިގެން ވެސް ރަނގަޅުކުރަން ޖެހޭ ކަންތައްތަކަށް ފޯކަސް ކުރާނެ ކަމަށެވެ.
ހަގީގަތުގައި ބިރުން ތިބެ ކަހަލަ ގޮތަކަށް މި ކުޅެނީ. ލަނޑެއް ވަން ހިސާބުން ދެން ކޮންމެވެސް ވަރަކަށް ކުޅުން ފެނުނު. އެހެން ނަމަވެސް ޖުމްލަކޮށް ބަލާއިރު މިއީ އަނެއްކާ ވެސް ވަރަށް ދަށްކޮށް ދިޔަ ދުވަހެއް.
– މޯހަން ބުނެފައިވެއެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިދިޔަ މެޗަކީ ވެސް މޮޅެއް ހޯދޭނެ މެޗެއް ކަމަށާއި ލިބުނު ފުރުސަތުތައް ގޯލަކަށް ހަދައިނުލެވުމުން މެޗުގެ ޓާގެޓް ހާސިލްނުވީ ކަމަށެވެ. އެހެން ނަމަވެސް އީގަލްސް ކަހަަލަ ޓީމަކާ ދެކޮޅަށް މި މެޗުގައި ދަ ގްރާންޑޭ އިން ކުރި ހިތްވަރު އިންމަ ފާހަގަކުރި އެވެ.
ކުރިއަށް ހުރި މެޗުތަކުގައި މިއަށް ވުރެން ރަނގަޅުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ކޯޗު އިންމަ ބުނެފައިއެވެ.
ކޮމެންޓު ފޮނުވާ