މިނިވަން މުއައްސަސާތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ރައީސުން ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް ނިސްބަތްވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު މިފަދައިން ވިދާޅުވީ އޭސީސީގެ ރައީސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަމަކަށް ރުހުން ދިނުމުގެ ބާރު ދޭ ގޮތަށް ގެނެވޭ އިސްލާހާ ގުޅިގެންނެވެ.
އައިބީ ވިދާޅުވި ގޮތުގައި މިހާރުވެސް ކޮމިޝަންތަކަށް މެންބަރުން އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުއްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ، އޭސީސީގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅަކު ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވައެވެ. އަދި ހުރިހާ ކޮމިޝަންތަކެއް ވެސް މިގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޤައުމަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތައް ހައްލުކުރުމަށްޓަކައި، ކޮމިޝަންތައް ރަނގަޅަށް ހިންގުމަށް، އޭރަކު ހުންނަވާ ވެރިޔަކު ބޭނުންފުޅުވާ ބޭފުޅަކު އެތަންތާނގެ ރައީސުންގެ ގޮތުގައި ހަމަޖައްސަވަން ޖެހޭނެ ކަމަށް އައިބީ ވިދާޅުވިއެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ރައީސުން ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ލާމަރުކަޒީ ނިޒާމު ތައާރަފުކުރެއްވުމުގެ ކުރިން، އަތޮޅުވެރިންނާއި ކަތީބުން އައްޔަންކުރެއްވި ނިޒާމު މާ ރަނގަޅު ކަމަށް އައިބީ ފާހަގަކުރެއްވިއެވެ. އޭރު ސަރުކާރާ ގުޅިގެން، ތަރައްޤީގެ މަޝްރޫޢުތަކާއި ޤައުމަށް ލިބޭ ވަސީލަތްތަކަށް ރިއާޔަތްކޮށް ކަންކަން ކުރެވުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު ކައުންސިލަރުން އަމަލުކުރަނީ އެމީހުންގެ އަމިއްލަ ގޮތަށް ކަމަށާއި، ވެރިކަން ކުރާ ފަރާތުންނާއި ދައުލަތުން އަންގާ ގޮތަކަށް ކަންކަން ނުކުރާ ކަމަށް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސުން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހުށަހެޅިފައިވާ ބިލްތަކާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މިގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ މިކަން ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.