ސަޕްލިމެންޓަރީ ބަޖެޓު ފާސްވެއްޖެނަމަ، 2024 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 147.9 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ފާހަގަކޮށްފިއެވެ. މިއީ މި އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް 21.8 ބިލިއަން ރުފިޔާ އިތުރުވުމެކެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117.2 ޕަސަންޓެވެ.
2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމުލަ ދަރަނި ހުރީ 126.1 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިހާރު ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި އިތުރު 4.3 ބިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވެއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން އިތުރަށް ފާހަގަކޮށްފައިވަނީ، ބަޖެޓު ފައިނޭންސް ކުރުމަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާތީ، މިކަމުން އަމިއްލަ ވިޔަފާރިތަކަށާއި އިގްތިސާދަށް ކުރާނެ އަސަރު ދެނެގަތުމުގެ މުހިންމުކަމެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ ފައިނޭންސިންގ އަށް ބަލާއިރު، 66.6 ޕަސަންޓަކީ ރާއްޖޭގެ އެތެރޭގެ ބާޒާރުން ހޯދަން ހުށަހަޅާފައިވާ އަދަދު ކަމަށްވާއިރު، 33.3 ޕަސަންޓަކީ ބޭރުން ހޯދަން ހުށަހަޅާފައިވާ އަދަދެވެ.