ސުނާމީގައި ދެއްކި އެއްބައިވަންތަކަން އިސްކުރުމަށް ރައީސް ގޮވާލައްވައިފި

ސުނާމީގައި ދެއްކި އެއްބައިވަންތަކަން އިސްކުރުމަށް ރައީސް ގޮވާލައްވައިފި

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2020 08:03
0

ޤައުމީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި ވެސް ޢަޒުމް ކަނޑައަޅައި އިސްކުރަންވީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި އަޅުގަނޑުމެން ދިވެހިން ސާބިތުކޮށްދިން ފަދަ އެކުވެރިކަމާއި، އެއްބައެއްވަންތަކަމުގެ ރޫޙުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސުނާމީ ކާރިޘާގެ އެ ނާޒުކު ވަގުތު ހުރިހާ ފަރުދުން ވެސް ޤައުމީ އެއްބައިވަންތަކަން ކުރިއަށް ނެރެ، އިސްކަންދިނީ، އެކަކު އަނެކަކަށް އެހީތެރިވުމަށްކަމުގައެވެ. އަދި ހަމައެހެންމެ، އެ ކާރިޘާގެ ހަނދާންތައް އައުކުރާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވާ އެއް ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވައި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި، ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އެމިޝަންއަށް ވާޞިލްވުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި، ވަކީން ޚާއްޞަކޮށް އަމިއްލަ ކުންފުނިތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުންގެ ބައިވެރިވުން ސަރުކާރަށް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 އަކީ ސުނާމީ ކާރިޘާއަށް ފަހު ރާއްޖެއަށް ކުރިމަތިވި އެ ފަދަ އެންމެ ބޮޑު ކާރިޘާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަ ހުއްޓުމަކަށް އައުމުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވީ މިއިން ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ބޮޑެތި އިޤްތިޞާދީ ދަތިތަކަކާ ކަމުގައެވެ. ނަމަވެސް، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމާއެކު، ފަތުރުވެރިކަމަށް ކުރިއެރުން ލިބި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ބޭނުންވާ އެއް މަންޒިލަކަށް ރާއްޖެ ބަދަލުވަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ރާއްޖެއަށް ބޭނުންވާ މިންވަރަށް ކޯވިޑް-19ގެ ވެކްސިން ހަމަޖެހިގެންދާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.