އިސްރާއީލާއި އީރާނާއި އަދި އިރާނުން އެހީތެރިވެދޭ ހަނގުރާމަވެރި ގްރޫޕްތަކާ ދެމެދު ހިނގާ ހަމަލާތައް އިތުރުވާން ފަށާފައި ވަނިކޮށް، އީރާނުގެ އައު ރައީސްއާ ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިން ބައްދަލުކުރައްވައިފިއެވެ.
ރަޝިޔާގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓްކުރި ގޮތުގައި ޕުޓިނާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ހުކުރު ދުވަހު ޓާކްމެނިސްތާނުގައި ބޭއްވުނު ސަރަހައްދީ ބައްދަލުވުމެއްގައި މެދުއިރުމަތީގެ ހާލަތާ މެދު މަޝްވަރާކުރައްވާފައެވެ. އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ އެ ދެ ޤައުމުގެ މެދުގައި އިސްތިރާޖީ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ ވަގުތެއްގައެވެ.
ޕުޓިން އޭނާއަށް ދައުވަތު ދެއްވި ބްރިކްސް (ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ) ގެ ސަމިޓުގައި މި އެއްބަސްވުން ފައިނަލް ކުރެވޭނެކަމަށް އުންމީދުކުރާ ކަމަށް ޕެޒެޝްކިއަން ވަނީ ހުކުރު ދުވަހު ވިދާޅުވެފައެވެ. މި ސަމިޓް އޮންނާނީ އޮކްޓޯބަރ 22 އިން 24 އަށް ރަޝިޔާގައެވެ.
އެ ދެ ބޭފުޅުންގެ ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ މައްސަލަތަކުގައި ގިނަ ފަހަރަށް މޮސްކޯއާއި ޓެހުރާނުގެ ސިޔާސަތު ވަރަށް ގާތްކަމަށް ޕުޓިން ވަނީ ޕެޒެޝްކިއަންއަށް ވިދާޅުވެފައިވާކަމަށް ރަޝިޔާގެ ސަރުކާރުގެ ނިއުސް އެޖެންސީ ޓާސް އިން ރިޕޯޓްކޮށްފައިވެއެވެ. "އީރާނާއެކު ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެން އިސްކަންދޭ ކަމެއް. މި ގުޅުން ދަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަރަމުން،" ޕުޓިން ވިދާޅުވިއެވެ.
އީރާނުގެ ނިއުސް އެޖެންސީ އައިއާރްއެންއޭ އިން ރިޕޯޓްކުރި ގޮތުގައި ޕެޒެޝްކިއަން ވެސް ވަނީ އެފަދައިން ހިޔާލެއް ފާޅުކުރައްވާފައެވެ: "އިޤްތިޞާދީ އަދި ސަގާފީ ގޮތުން، އަޅުގަނޑުމެންގެ މުއާމަލާތްތައް ވަނީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން."
ލެބަނާނުގައި އިސްރާއީލުން ދޭ "އަނިޔާވެރި ހަމަލާތަކާ" ބެހޭ ގޮތުންވެސް ޕެޒެޝްކިއަން ވާހަކަފުޅު ދައްކަވައި، އެ ސަރަހައްދުގައި "މަޢުޞޫމު މީހުން މެރުން" ހުއްޓާލަން އިސްރާއީލަށް ގޮވާލެއްވިއެވެ. އަދި އެމެރިކާއާއި ޔޫރަޕުން އިސްރާއީލުގެ ޢަމަލުތަކަށް ތާއީދުކުރާކަމަށް ތުހުމަތު ކުރެއްވިއެވެ.