ޔޫއެންގެ ސެކެޓްރީ ޖެނެރަލް އިސްރާއީލަށް އެރުން މަނާކޮށްފި

ޔޫއެންގެ ސެކެޓްރީ ޖެނެރަލް އިސްރާއީލަށް އެރުން މަނާކޮށްފި

Author
ހުސައިން
03 އޮކްޓޯބަރ 2024 10:02
0

ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިސްރާއީލަށް އެރުން މަނާކޮށްފިއެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ބުދަ ދުވަހު ވިދާޅުވެފައިވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް އިސްރާއީލަށް ވަނުން މަނާކޮށްފައިވާ ކަމަށެވެ. މިއީ އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާއާމެދު އޭނާ "ސާފުކޮށް" ކުށްވެރިކޮށްފައި ނުވާތީއެވެ.

އިސްރާއީލާއި ލެބަނަންގެ ހިޒްބުއްﷲ ޖަމާއަތާ ދެމެދު ހަނގުރާމަ ވަރުގަދަ ވެފައިވާއިރު، އީރާނުން އަންގާރަ ދުވަހު ވަނީ އިސްރާއީލަށް 180 މިސައިލް ހަމަލާ ދީފައެވެ. އޭގެތެރެއިން ގިނަ މިސައިލްތައް އިސްރާއީލުން ހަލާކުކޮށްލާފައިވި ނަމަވެސް، ބައެއް މިސައިލްތައް ވަނީ އިސްރާއީލުގެ ދިފާއީ ނިޒާމު ފޫއަޅުވާލާފައެވެ.

އަންގާރަ ދުވަހު މި މިސައިލް ހަމަލާއަށްފަހު ގުޓެރެސް ނެރުނު ކުރު ބަޔާނެއްގައި އޭނާ "މެދުއިރުމަތީގެ ހަނގުރާމަ ފުޅާވެގެންދިއުމާއި، ކަންކަން އިތުރަށް ގޯސްވަމުން ދިއުން" ކުށްވެރިކުރިއެވެ. އަންގާރަ ދުވަހުގެ ކުރިން، އިސްރާއީލުން ދެކުނު ލެބަނަނަށް ސިފައިން ފޮނުވާފައިވެއެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ކަޓްޒް ވިދާޅުވެފައިވަނީ، ގުޓެރެސް އީރާން ކުށްވެރިނުކުރުމުގެ ސަބަބުން އޭނާއަކީ އިސްރާއީލަށް ނޭރޭނެ ފަރާތެއްކަމަށް ކަނޑައަޅާފައިވާ ކަމުގައެވެ.

"ދުނިޔޭގެ ގިނަ ޤައުމުތަކުން ކޮށްފައިވާ ފަދައިން، އީރާނުން އިސްރާއީލަށް ދިން އުދުވާނީ ހަމަލާ ސާފުކޮށް ކުށްވެރިނުކުރާ އެއްވެސް މީހަކު އިސްރާއީލުގެ ބިމަށް އެރުމުގެ ޙައްޤު ނުލިބޭނެ،" ކަޓްޒް ވިދާޅުވިއެވެ. "އިސްރާއީލުން އެގައުމުގެ ރައްޔިތުން ދިފާޢުކުރުމާއި ޤައުމީ ފަޚުރު ހިފެހެއްޓުން ކުރިއަށް ގެންދާނެ."

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާމެދު ސުވާލުކުރުމުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު މެތިއު މިލަރ ވިދާޅުވެފައިވަނީ، "މިފަދަ ފިޔަވަޅުތަކަކީ (އިސްރާއީލުގެ) ދުނިޔޭގައި އޮންނަ މަޤާމު ރަނގަޅުކުރުމަށް ފައިދާހުރި ކަންތައްތަކެއް ނޫން" ކަމަށެވެ.

"އދ. އިން ޣައްޒާގައި ކުރާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް. އަދި މި ސަރަހައްދުގައި އެ ޖަމްޢިއްޔާއިން ކުރާ މަސައްކަތްތަކަކީވެސް ވަރަށް މުހިންމު މަސައްކަތްތަކެއް. އަދި އދ. އިން އެންމެ ރަނގަޅަށް މަސައްކަތްކުރާއިރު، ސަލާމަތާއި ހަމަޖެހުމަށް މުހިންމު ދައުރެއް އަދާކުރެވިދާނެ،" މިލަރ އިތުރުކުރެއްވިއެވެ.

އދ. ގެ ތަރުޖަމާނު ސްޓެފާން ދުޖާރިކް މިކަން ސިފަކުރެއްވީ ސިޔާސީ ކަމެއްގެ ގޮތުގައެވެ. އަދި "އިސްރާއީލު ސަރުކާރުން އދ. ގެ މުވައްޒަފުންނަށް ދެމުންދާ އަނެއް ހަމަލާއެއް" ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އދ. އިން އާންމުކޮށް އެޖަމިއްޔާގެ މުވައްޒަފުންނާ ގުޅޭގޮތުން "ޕަރސޯނަ ނޮން ގްރާޓާ" ގެ އުސޫލު ޤަބޫލުނުކުރާ ކަމަށެވެ.

ބުދަ ދުވަހުގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ގުޓެރެސް ވިދާޅުވެފައިވަނީ: "އޭޕްރީލް މަހުގައި އީރާނުން ދިން ހަމަލާއާ ގުޅޭގޮތުން އަހަރެން ޢަމަލުކުރި ފަދައިން – އަދި އިއްޔެ އަހަރެން ކުށްވެރިކުރި ބަސްތަކުން ވަރަށް ސާފުކޮށް އެނގެންވާނެ ފަދައިން – އިއްޔެ އީރާނުން އިސްރާއީލަށް ދިން ބޮޑު މިސައިލް ހަމަލާ އަހަރެން އަނެއްކާވެސް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން."

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.