އިންޑިއާގައި ކޮލިޓީ ދަށްވެގެން ބޭނުންކުރުން މަނާކުރި ބޭސްތަކުގެ ތެރެއިން އެއްވެސް ބޭހެއް ރާއްޖެ އެތެރެކޮށް ބޭނުންކުރަމުން ނުދާކަމުގެ ޔަގީންކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ދީފިއެވެ.
އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑް ކޮންޓްރޯލް އޮގަނައިޒޭޝަން (ސީޑީއެސްސީއޯ)އިން 48 ބޭހެއްގެ ކޮލިޓީ ދަށްވެގެން އެކަން މި ހަފްތާ އިއުލާންކޮށްފައިވާތީ، އޭގެ ބައެއް ބޭސްތައް ރާއްޖެ އެތެރެކޮށް ވިއްކާކަމަށް އާންމުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ސީޑީއެސްސީއޯއިން އެ އިދާރާއަށް ވެސް އެލާޓެއް ފޮނުވާފައިވާ ކަމަށާއި، އެ އެލާޓާ ގުޅިގެން ހޯދި ހޯދުންތަކުން ފާހަގަވެފައިވަނީ އެ ލިސްޓުގައިވާ އެއް ބޭހަކީ 2017ގައި ރާއްޖެ އެތެރެކުރަން ހުއްދަ ދީފައިވާ ބޭހެއް ކަމަށެވެ. ނަމަވެސް 2018 އިން ފެށިގެން އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށްފައި ނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށް ބުންޏެވެ. އަދި ސީޑީއެސްސީއޯގެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައެޅިފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވެސް ވަނީ ޔަގީންކުރެވިފައި ކަމަށް ބުންޏެވެ.
އިންޑިއާއަކީ ދިވެހިން ގިނަ އަދަދަކަށް ސިއްހީ ފަރުވާ ހޯދަން ދާ ގައުމެއްކަން ފާހަގަކޮށް، އަމިއްލަ ބޭނުމަށް އެ ގައުމުން ބޭސް ގަނެގެން ރާއްޖެ ގެންނައިރު ކޮލިޓީ ދަށްވެގެން ވިއްކުން މަނާކޮށްފައިވާ ބޭސްތަކާ މެދު ސަމާލުވުމަށް އެމްއެފްޑީއޭއިން އެދުނެވެ. މީގެ ކުރިން އިންޑިއާއިން އެފަދަ ބޭހެއް ގަނެގެން ގެނެސް ބޭނުންކުރަމުން ދާ ނަމަ އެފަދަ ބޭހެއް ބޭނުން ނުކުރުމަށް ވެސް އިރުޝާދު ދިނެވެ.
އިންޑިއާއިން މަނާކުރި 48 ބޭސް އެއްވެސް ގޮތަކަށް ރާއްޖެ އެތެރެވޭތޯ އިތުރަށް ބެލުމަށް، ރާއްޖެެއަށް މުދާ އެތެރެކުރާ ވައިގެ ބަނދަރުތަކާއި ކަނޑު ބަނދަރުތަކުގައި ކުރާ އިންސްޕެކްޝަންތައް މިހާރަށް ވުރެ ހަރުދަނާކޮށް ވަރުގަދަކުރާނެ ކަމަށާއި، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށް ޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްއެފްޑީއޭއިން ދިނެވެ.
ކޮމެންޓު ފޮނުވާ