ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ ދެމެދު ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ ދެމެދު ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
ހުސައިން
01 އޮކްޓޯބަރ 2024 07:55
0

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ ދެމެދު ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް އަމާޒުކޮށް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

މި އެއްބަސްވުން ވުޖޫދަށް އައީ ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ސަޢީދު ކަމަށްވާއިރު، ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ކޮމާސް މިނިސްޓަރު މަޖީދު ބިން ޢަބްދުﷲ ބިން ޢުޘްމާން އަލްޤަސާބީއެވެ.

އެއްބަސްވުމުގައި ސޮއިކުރެވުމާ ގުޅިގެން، ސަޢޫދީ ކޮމާސް މިނިސްޓަރު އަލްޤަސާބީ ވަނީ އިޖުތިމާޢީ މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. މި ޕޯސްޓުގައި އޭނާ ހާމަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރާއެކު ބޭއްވުނު ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ވިޔަފާރީގެ ފުރުސަތުތައް ބަދަލުކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކުރެވުނެވެ.

މިނިސްޓަރު ސަޢީދުގެ މި ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓް މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަރު އިބްރާހީމް އަލްމުބާރަކްއާވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.