ޞިއްޙަތާބެހޭ ވަޒީރު އަބްދުﷲ ޚަލީލް އިންޑޮނޭޝިއާގެ ޖަކާޓާގައި ހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ދަތުރުފުޅަކީ އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް (އޭ.ޕީ.އާރު.އެފް.އެޗް.އީ) ގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުމާއި 12 ވަނަ ހައި ލެވެލް އޮފިޝަލްސް މީޓިންގ (އެޗް.އެލް.އޯ.އެމް) ގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓަރު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ "ޓެބެޓް ކޮމިއުނިޓީ ހެލްތު ސެންޓަރު" އަށެވެ. މި ސެންޓަރަކީ ޕްރައިމަރީ ކެއަރ ފެސިލިޓީއެއްގެ ގޮތުގައި ޚިދުމަތްދޭ ތަނެކެވެ. މިނިސްޓަރު ވަނީ މި ސެންޓަރުގެ އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކުރައްވައި، ކޮމިއުނިޓީ ސަރވިސްއަށް ބޭނުންވާ އާ ވަސީލަތްތަކާއި ޚިދުމަތްދޭ ގޮތްތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މީގެއިތުރުން މިނިސްޓަރު ޒިޔާރަތްކުރެއްވި އަނެއް ތަނަކީ އިންޑޮނޭޝިއާގެ އެންމެ ބޮޑު ޕަބްލިކް ޓަރޝަރީ ހޮސްޕިޓަލް ކަމަށްވާ ސިޕްޓޯ މަންގުންކުސުމޯ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުގައި ޑިޖިޓަލް ހެލްތު، ހެލްތު އިންފޮމޭޝަން މެނޭޖްމަންޓް، އުމުރުން ދުވަސްވީ މީހުންނަށް ދޭ ފަރުވާ އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާގެ ކަންކަން ކުރިއަށް ގެންދާ ގޮތާ ގުޅޭގޮތުން ހޮސްޕިޓަލް މެނޭޖްމަންޓާއެކު މަޝްވަރާތަކެއް ކުރެއްވިއެވެ.
ސެޕްޓެންބަރު 24 އިން 26 އަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑޮނޭޝިއާގެ ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނާ ބައްދަލުކުރައްވައި އެކި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް ފޯރަމްގެ މަޤްޞަދަކީ މެންބަރު ޤައުމުތަކުން ނޭޝަނަލް އެންވަޔަރަންމަންޓަލް ހެލްތު އެކްޝަން ޕްލޭންތައް ތަންފީޛުކުރުމަށް ހިތްވަރުދިނުމެވެ. މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމުން ފަންނީ ތަޖުރިބާއާއި އެކިއެކި ވަސީލަތްތައް ހޯދުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަދި ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަ ޞިއްޙީ ފަރުވާއާއި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމުގައި މެންބަރު ޤައުމުތަކުން އެހީތެރިވެދޭނެއެވެ.
ހެލްތު މިނިސްޓްރީން ބުނާގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅުގެ އެކި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް އެއްބާރުލުން ލިބިގެންދާނެއެވެ.