ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން 29 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މި މަޤާމުތަކަށް ހޮވޭ ފަރާތްތަކުގެ މުސާރަ ކަނޑައެޅިފައިވަނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ދެ ކެޓަގަރީއަކަށެވެ.
ދަށް މުސާރައިގެ ކެޓަގަރީގައި އަސާސީ މުސާރައަކީ 8،835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،450 ރުފިޔާ ކަނޑައަޅާފައިވެއެވެ. މި ކެޓަގަރީއަށް ޝަރުޠު ހަމަވާނީ ކަމާގުޅޭ ދާއިރާއަކުން ޑިޕްލޮމާއަކާއެކު 5 އަހަރުގެ ތަޖުރިބާ ނުވަތަ ކޮންމެވެސް ދާއިރާއަކުން ޑިޕްލޮމާއަކާއެކު 6 އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ.
މަތީ މުސާރައިގެ ކެޓަގަރީގައި އަސާސީ މުސާރައަކީ 9،300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާ ކަނޑައަޅާފައިވެއެވެ. މި ކެޓަގަރީއަށް ޝަރުޠު ހަމަވާނީ ކަމާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއަކާއެކު 3 އަހަރުގެ ތަޖުރިބާ، ނުވަތަ މާސްޓާސް ޑިގްރީއަކާއެކު 1 އަހަރުގެ ތަޖުރިބާ، ނުވަތަ ކޮންމެވެސް ދާއިރާއަކުން ފުރަތަމަ ޑިގްރީއަކާއެކު 4 އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ.
މި މަޤާމުތަކަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން 29 ސެޕްޓެމްބަރުގެ މެންދުރު 2:00 ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އަންގާފައެވެ. މި ވަޒީފާތަކަށް ހޮވޭ ފަރާތްތައް މަސައްކަތް ކުރަންޖެހޭނީ ރާއްޖޭގެ އެކި ރަށްރަށުގައި ހިމެނޭ 29 ކައުންސިލް އިދާރާގައެވެ.