އެމްކިއުއޭގެ އެކްރިޑޭޝަން އުޞޫލަށް މުހިންމު ބަދަލެއް ގެނެސްފިއެވެ. މީގެ ފަހުން މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނުތަކުން 50 އިންސައްތަ ފާސްވާންޖެހޭނެއެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ ދަރިވަރުންގެ ފަރާތުން ކުރިމަތިވަމުންދާ އެސައިމަންޓް ގަތުމުގެ މައްސަލައަށް ހައްލެއް ހޯދުމެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައުމުގެ ކުރިން މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގެ އިސްވެރިންނާ މަޝްވަރާކުރެވުނެވެ. މި ބަދަލުގެ ސަބަބުން އެސައިމަންޓްގެ ބައި ކުޑަވެ، އެސައިމަންޓް ގަތުމުގެ މައްސަލަ ކުޑަވާނެކަމަށް އުންމީދުކުރެވެއެވެ.
މިހާރު ބައެއް މަރުކަޒުތަކުން ދަރިވަރުންގެ އެސައިމަންޓްތަކަށް 40 އިންސައްތައިން ފެށިގެން 70 އިންސައްތައާ ހަމައަށް މާކްސް ދެއެވެ. އަދި ބައެއް މާއްދާތަކުގައި އިމްތިހާނެއް ނެތި ހަމައެކަނި އެސައިމަންޓުން ފާސްވުމުގެ ފުރުސަތު ލިބެއެވެ. މިކަމުގެ ސަބަބުން އެހެން މީހުން ލައްވާ އެސައިމަންޓް ތައްޔާރުކޮށްގެން ސަނަދު ހޯދުމުގެ ފުރުސަތު އޮވެއެވެ.
"މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ" ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑަމިކް މަސައްކަތެއް އެހެން ފަރާތަކުން ކޮށްދިނުމަކީ މަނާކަމެކެވެ. މިފަދަ ޢަމަލެއް ހިންގައިފިނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އިތުރު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެ ދަރިވަރަކު ކިޔަވަމުންދާ މަރުކަޒަކަށް ލިބިގެންވެއެވެ.